ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަސް ކަމަށް ކަނޑައަޅައި ރަސްމީކޮށް އެކަން އިއުލާނު ކޮށްފިއެވެ.

މިހާރު އިސްލާމިކް މިނިސްޓްރީގައި ކުރިއަށްދާ 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމާއި ބެހޭ ގޮތުން ބޭއްވާ ރަސްމީ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މިއަދު އިރުއޮއްސުމަށްފަހު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1442 އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތިނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވެފައިވާ ކަމަށެވެ.

"މިއަދުގެ އިރުއޮއްސުމަށްފަހުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނިފައި ނުވާތީއާއި އިސްލާމީ އެއްވެސް ގައުމަކަށް މި އަަހަރުގެ ހަަަނދު ފެނުނުކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިނުވާތީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގައި ދިވެހި ރާއްޖޭގައި އަމަލު ކުރަން ހަމަޖެހިފައިވާ އުސޫލުގައި ވާ ގޮތުގެ މަތިން މާދަމާ މީލާދީ ސަނަދުން 2021 އަހަރުގެ އޭޕްރިލްވާ 12 ވާ ހޯމަ ދުވަހަކީ މި ހިނގާ 1442 ވަނަ އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމުގައި އާއި 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި ހިނގާ އޭޕްރިލް 13 ވާ އަންގާރަ ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ". އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވަނީ، ރޯދައިގެ ފަރުޟު އަދާ ކުރުމަށް ފަރުވާތެރިވުމަށާއި، ﷲގެ ރުއްސެވުމާއި މަޣްފިރަތަށް އެދި ހެޔޮ އަމަލުތައް ގިނަ ކުރުމަށް ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މީލާދީމަހުން ހަނދު ފެންނާނީ އޭޕްރީލް 27 ވާ އަންގާރަ ދުވަހުގެރޭ!!!

  2. މަރިޔަނބު

    ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރަމަޟާން މުބާރިކް!