ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ.ކެލާގައި ހަރަކާތްތެރިވާ ޓީމްގެ އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ ޕީޕީއެމް އިން ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އަބްދުﷲ އިންފާޒު ކަޓުވާލުމެވެ. އޭނާގެ ސިޔާސީ ކެރިއަރު އެއްކޮށް ނިމުމަކަށް ގެންނަން އެމްޑީޕީގެ މެންބަރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިއެވެ.

ނަމަވެސް ހޮނިހިރު ދުވަހު އޮތް އިންތިޚާބުގައި އިންފާޒު ވަނީ ކާމިޔާބު ހޯދާފައެވެ. ކެލާގެ ތާރީޚްގައި ވެސް ކައުންސިލް އިންތިޚާބެއްގައި އެންމެ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓަކަށް އޭނާ ވަނީ ވެވަޑައިގެންފަައެވެ. އެއީ އޭނާ އާއި ވާދަކުރެއްވި އެމްޑީޕީގެ ހުސައިން ހަމީދަށްވުރެ އިތުރަށް 161 ވޯޓް ހޯއްދަވައިގެންނެވެ.

އިންފާޒް ކުރިން "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަޑުދަނޑިތައް އެކަށައެޅުމާއި މުޖުތަމައުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ދުޅަހެޔޮކަން އިތުރުކޮށްދީ އުފާވެރި ކެލައެއް ރައްޔިތުންނަށް ހޯދައިދިނުން އެއީ އޭނާގެ އެއް އަމާޒެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ކެލާ ތުނޑީ ގައި އާޅާ ރިސޯޓްގެ މަންފާ ސީދާ ކެލާ ރައްޔިތުންނަށް ހޯދައިދިނުމާއި ކެލާގެ އުފެއްދުންތައް ޓްއަރިޒަމް ސެކްޓްގައި ބޭނުން ކުރެވޭނެގޮތް ހޯދައިދިނުމަކީ މިދައުރުގައި އޭނާ ކުރައްވާނެ ބައެއް މަސައްކަތްތަކެވެ. އޭގެ އިތުރުން ވޯޓާ ސްޕޯރޓްސް، ޑައިވްސެންޓަރ ފަދަތަންތަން އެޅުމަށް ބިންދޫކުރުމާއި ޓުއަރިސްޓުންނަށް ޙާއްސަ ޖެޓީއެއް އެޅުމާއި ބަނދަރުގައި ޓުއަރިސްޓް ލައުންޖެއް ހެދުން އަދި ކޮމިޔުނިޓީ ގެސްޓްހައުސް ހިންގުމަށް އިންފާޒު ވަނީ އަމާޒު ހިފާފައެވެ.

އިންފާޒް ވަނީ މީގެ ކުރިން ކެލާ ކައުންސިލްގެ ރައީސްކަމާއި ކެލާ ދާއިރާގެ އަތޮޅު ކައުންސިލް މެންބަރުކަން ކުރައްވާފައެވެ.

ކުރިން އެމްޑީޕީގެ ރަށެއްގެ ގޮތުގައި އޮތް ކެލާގެ ފަސް ގޮނޑި ވެސް މިފަހަރުގެ އިންތިހާބުގައި ކާމިޔާބު ކޮށްފައި ވަނީ ޕީޕީއެމް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޫނީ

    ކޮބާ ކަލޭމެން ފިއްލަދޫއިން ހޮވި ޕީ.ޕީ.އެމް ލަޝްކަރު

    5
    3
  2. ޙހހހ

    އެމްޑީޕީގެ އަބަދުވެސް ސިޔާސަތަކީތީ ، ބަދަލު ހިފުމާއި ފަނާކުރުން ، އެކަމަކު އެމީހުންގެ ގަދަބަސްބުނުމާއި ނުލަފާކަމަށްވުރެ ބާރުގަދަ ފަރާތެއް ވާކަން އެމީހުންނަކަށް ނޭނގޭ ،

    23
    1
  3. މާ ކުމް ބޭ

    ހެއް ހެއް! ތި ރަށުން ވޯޓު އަޅަން ނިކުތީ ކަލޭމެން އެކަނި

    5
    8
  4. ނުރަބޯ

    އަލްޙަމްދު ލިﷲ. އަންނަ ރިޔާސީ އިންތިޚާބުގައި ވެސް ރައްޔިތުން ހަމަ މިފަދަ ނަތީޖާއެއް ދައްކައި އެމްޑީޕީ އެމީހުންގެ އަސްލު މަގާމުކަމަށްވާ “މަގުމައްޗަށް “ ގިއް ގަޅުވާލަން ޖެހޭނެ.