ދައުލަތުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަށް ޚިޔާނާތްތެރިވި އަދި ނައިބު ރައީސް ކަމުގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން އުޅުނު ކަން ސާބިތުވެފައިވާ އަހްމަދު އަދީބު މިއަދު އަނެއްކާވެސް މާފުށީ ޖަލަށް ބަދަލު ކުރަން ހަމަޖެހިފައިވާ ކަމަށް އޭނާގެ އަނބިކަނބަލުން ވިދާޅުވެއްޖެއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނު އާއިލީ ފޯންކޯލްގައި އަދީބާއި ވާހަކަދެއްކެވި ކަމަށާއި މިއަދު ހަވީރު މާފުށީ ޖަލަށް ބަދަލު ކުރަން ހަމަޖެހިފައިވާ ކަމަށް އަދީބު ވިދާޅުވި ކަމަށެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި އަމުރު ނެރުމުގެ ކުރިން އަދީބު ހުންނެވީ ދޫނިދޫ ގައެވެ. ނަމަވެސް ސުޕްރީމް ކޯޓުން އަމުރު ނެރުމާއި އެކު އޭނާ މާފުށީ ޖަލަށް ބަދަލުކުރިއެވެ. މާފުށީ ޖަލުގައި ހަފްތާއެއްހައި ދުވަހު ހުންނެވި ފަހުން އަނެއްކާ އަދީބު ވަނީ ދޫނިދޫ އަށް ބަދަލު ކޮށްފައެވެ.

މިއަދު އަދީބު މާފުށީ ޖަލަށް ބަދަލު ކުރަނީ ކީއްވެ ކަމެއް އަަދި ސާފެއް ނުވެއެވެ.