ހއ. ދިއްދޫ ކައިރިއަށް ނަގޫރޯޅި އެއް އަރައިފިއެވެ.

މި ނަގޫރޯޅި އަރާފައި ވަނީ ދިއްދޫގެ އިރު ދެކުނުން ގާތްގަނޑަކަށް 3 ކިލޯމީޓަރު ވަރު ބޭރުންނެވެ. މިރޭ 8:00 ޖެހިއިރު އެރި މި ނަގޫރޯޅި އުފެދުނު މަންޒަރު ދިއްދޫގައި ތިބި ”ވަގުތު ހޭރިޔާ“ގެ ޓީމަށް ވަނީ ފެނިފައެވެ.

15 ވަރަކަށް މިނެޓަކަށް މި ނަގޫރޯޅި ދެމިގެން ދިޔަ ނަމަވެސް މި ނަގޫރޯޅި ދިއްދޫ އަށް އަރާފައެއް ނުވެއެވެ. މިރޭ ދިއްދޫ ސަރަހައްދަށް ވާރޭ ނުވެހުނު ނަމަވެސް ބަނަ ވިލާތައް އުފެދި ވިދަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

މިރޭގެ 08:00ން މާދަމާ ރޭގެ 08:00ށް ރާއްޖޭގެ މޫސުން ލަފާކުރެވޭ ގޮތަށް ބަލައިލާއިރު އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރައި ގުގުރުން ވެސް އެކަށީގެންވެއެވެ. ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެއެވެ.

ދިއްދޫ ކައިރިން އުފެދުނު ނަގޫރޯޅި - ވަގުތު އިމޭޖަސް

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެއެވެ.

މިރޭ ދިއްދޫ ކައިރިއަށް ނަގޫރޯޅި އެއް އަރާފައިވާއިރު އެންމެ ފަހުން މިފަދަ ނަގޫރޯޅި އެއް އަރައިގެން ރިޕޯޓު ކުރެވިފައި ވަނީ މީގެ މަހެއް ކުރިން ވިލިމާލެ ބޭރުން އުފެދުނު ނަގޫރޯޅިއެވެ.

ކަނޑުމަތީ އުފެދޭ މިފަދަ ނަގޫރޯޅިތައް އާއްމު ގޮތެއްގައި އުފެދޭނީ ވައި މަޑުން ޖެހޭއިރުއެވެ. އެހެންކަމުން މޫދުން އުފެދިގެން އެހައި އަވަހަކަށް އެއްގަމަަކަށް މިފަދަ ނަގޫރޯޅިތަކެއް ނާރާނެއެވެ. ނަމަވެސް، އެއްގަމަށް އަރައިފިނަމަ ތަކެއްޗާއި މީހުންނަށް ސީރިއަސް އަނިޔާތައް ލިބުން އެކަށީގެންވެއެވެ.