ކ.އަތޮޅު މާފުށިން އިތުރު 13 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 161 އަށް ވަނީ އަރާފައެވެ.

މާފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވެ، އެ ރަށަށް އަރައި ފޭބުން މަނާ ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.

އޭގެ ފަހުން އެރަށުން ފައްސިވަމުން ގޮސްފައި ވަނީ ކަރަންޓީންގައި ތިބި ބައެއް ނޫނެވެ. އެރަށުން ފައްސިވި ބައެއް މީހުންނަށް މިހާރު ހުޅުމާލޭ ފެސިލިޓީއާއި ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދެއެވެ.

ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރަމުން އަންނަ މާފުށީގައި ފުރަތަމަ ކޮވިޑް ފެތުރުނީ ކިހިނެއް ކަމެއް ނޭނގެއެވެ. ނަމަވެސް އެރަށުގައި ކޮވިޑުން ރައްކާތެރިވުމަށް މާސްކް އެޅުން ފަދަ ކަންކަމަށް މާބޮޑު ސަމާލުކަމެއް މީހުން ނުދޭކަމަށް ބުނެ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މާފުއްޓަކީ މިހާރު އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވަމުން އަންނަ ރަށެވެ.

އެރަށުގެ ހާލަތު ގޯސްވަމުން ދާތީ ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނުނިކުތުމަށް ރަށު ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު