ހުޅުމާލެ ޖަލާއި، މާލެ ޖަލާއި، މާފުށީ ޖަލުގެ އިތުރުން އައްސޭރި ޖަލުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 53 އަށް އަރާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެ އެވެ.

ކަރެކްޝަނުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފައްސިވި މީހުންގެ ތެރެއިން 33 މީހުންނަކީ ޖަލު އޮފިސަރުންނާއި މުވައްޒަފުންނެވެ. އަނެއް 20 މީހުންނަކީ ގައިދީންނާއި ބަންދު ގައި ބަހައްޓާފައި ތިބި މީހުންނެވެ.

ފައްސި ވޭދަނަ ތަކާއި ގުޅިގެން 105 ޖަލު އޮފިސަރުންނާއި މުވައްޒަފުން ކަރަންޓީނު ކޮށްފައިވާއިރު، 22 ގައިދީއަކާއި ބަންދު މީހުން ވެސް ތިބީ ކަރަންޓީނު ކޮށްފައި ކަމަށް ކަރެކްޝަނުން ވިދާޅުވެފައި ވެއެވެ.

މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ޖަލަކީ މާލެ ޖަލެވެ. އެ ޖަލުން 20 ގައިދީއަކު ފައްސިވެފައިވާއިރު، އެންމެ ގިނަ އޮފިސަރުން ފައްސިވެފައިވަނީ މާފުށި ޖަލުންނެވެ. އެއީ 17 އޮފިސަރެކެވެ.

ރާއްޖޭގެ ކޮވިޑް-19 ހާލަތު ދުވަހުން ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު 386 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ފައްސިވި 105 މީހަކާއި އަތޮޅު ތެރެއިން ފައްސިވެފައިވާ 198 މީހެކެވެ. އެއާއި އެކީ ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 28،588 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 24،499 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ 4،009 މީހަކަށެވެ. އޭގެ ތެރެއިން 119 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

ރާއްޖެއިން މި ބަލި ޖެހިގެން ނިޔާވެފައި ވަނީ 72 މީހެކެވެ.