ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާއާއި ގުޅިގެން ފުލުހުންގެ ހިދުމަތުގެ އެލާޓް ލެވެލް ތިނަކަށް މަތިކޮށް، މި ހާދިސާއަށް ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރުމުގެ މަސައްކަތް ކުރަން ފުލުހުން ފަށައިފިއެވެ.

ފުލުހުން އެކަން ހާމަކޮށްފައި ވަނީ މިރޭ ކުރި ޓްވީޓެއްގައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް އެމަނިކުފާނުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލައި ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ވަނީ އެލާޓް ލެވެލް މަތިކޮށްފައެވެ. ހަމަލާ ދީފައިވާ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ހަތިޔާރާއި އެކު ހަރަކާތްތެރި ވަމުންދާއިރު، ސިފައިން ވަނީ އިތުރަށް ސަމާލުވާން ފަށާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވިފައިވާ ހަމަލައިގައި އެމަނިކުފާނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު، މިހާރު އެމަނިކުފާނަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނުގެ ލޮލަށް ގެއްލުން ވެފައިވެއެވެ. އަދި ފަރުވާ ދެމުން އަންނަނީ ހޭނައްތައިލައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ހާދިސައިގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ހަށިފާރަ ވެރިއަކަށާއި، ބިދޭސީ އަކަށް އަނިޔާލިބިފައިވެއެވެ. އޭގެ އިތުރުން ސިފައިންގެ ތިން މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.