ރާއްޖެ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެ ތޫފާންގެ އަސަރު ރާއްޖެއަށް ނުސީދާކޮށް ކުރާނެ ކަމަށް ބެލެވިއްޖެ އެވެ.

އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުން ދީފައިވާ ނަމަކީ ޓައުޓްޓައި އެވެ. މިއީ މިޔަންމާ އިން އެ ލިސްޓަށް ހުށަހަޅާފައިވާ ނަމެކެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ވިދާޅުވީ، ރާއްޖޭގެ ހުޅަނގުއުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށްއޮތް 24 ގަޑިއިރު ތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އޭގެ ފަހުން ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"ލަފާ ކުރެވޭގޮތުގައި މި ކޮޅިގަނޑު ޖެހެމުން ދާނީ ރާއްޖޭގެ އުތުރުހުޅަނގުއުތުރަށް ރާއްޖެއާ ދުރަށް.މި ކޮޅިގަނޑާއި ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނަ އަދަދަކަށް ބޯ ވިއްސާރަ ވިލާ ދަނީ އުފެދެމުން". މެޓް އިން ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ސަރަހައްދުުގައި ހާއްސަކޮށް އުތުރާއި މެދު ރާއްޖޭތެރޭ ވައިގަދަވެ ކަނޑުތައް ވަރަށް ގަދާވެނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"އާންމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި، 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ". މެޓް އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އުދައިގެ އަސަރުވެސް ކޮށްދާނެ ކަމަށެވެ.

އެހެންކަމުން ހުރިހާ ފަރާތްތުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައި ވެއެވެ.