އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑު ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެއްޖެ އެވެ.

މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުން ދީފައިވާ ނަމަކީ ޓައުޓްޓައި އެވެ. މިއީ މިޔަންމާ އިން އެ ލިސްޓަށް ހުށަހަޅާފައިވާ ނަމެކެވެ.

މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާ ކުރެވެނީ ރާއްޖެ ގަޑިން މިރޭ ފަތިހު 5:00 ގައެވެ. އަދި މި ތޫފާން ބާރުގަދަ ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާ ކުރެވެނީ މިއަދު ހަވީރު ރާއްޖެ ގަަޑިން 17:00 ގައެވެ.

އަދި މި ތޫފާންގެ އަސަރު މި މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ދެމިގެންދާއިރު، އެންމެ ބާރުގަދަވާނެ ކަމަށް ލަފާ ކުރެވެނީ އެ ދުވަހުގެ ފަތިހު 5:00 ގައެވެ. ތޫފާނުގެ ބާރުމަޑުވާނެ ފަށާނީ އެ ދުވަހު ހަވީރު 17:00 ގައެވެ.

މި ތޫފާން އެންމެ ބާރު މިނުގައި ދެ ދުވަސް ވަންދެން އިންނާނެ ކަމަށް ބެލެވެއެވެ.

އިންޑިއާގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ތޫފާން ދަތުރު ކުރަނީ އިންޑިއާގެ ގުޖްރާތާއި ދިމާލަށް ކަމަށެވެ.

މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުން ވައިޖެހޭނީ 80-70 ކިލޯ މީޓަރުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި 90 ކިލޯމީޓަރަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ތޫފާން ބާރުގަދަ ތޫފާނަކަށް ބަދަލުވުމުން ގަޑިއަކު 95 ކިލޯމީޓަރާއި 105 ކިލޯމީޓަރާއި ދެމެދުގެ ބާރުމިނުގައި ވައިގަދާވެނެ އެވެ. އަދި ވިލާގަނޑުގައި 115 ކިލޯމީޓަރަށް ވައިގަދަވާނެ އެވެ.

މި މަހުގެ 16 ވަަނަ ދުވަހު ފަތިހު ވިލާގަނޑުގައި ވައި ޖެހޭނެ ކަަމަށް ލަފާ ކުރެވެނީ 150 ކިލޯމީޓަރު ބާރުމިނުގައެވެ. އަދި ހަމަ އެ ދުވަހުގެ ހަވީރު 160 ކިލޯމީޓަރަށް ވައި ޖެހޭނެއެވެ.

މި މަހުގެ 17 ވަނަ ދުވަހު 175-165 ކިލޯމީޓަރުގެ ބާރުމިނުގައި އަދި 18 ވަނަ ދުވަހު ވެސް 175 ކިލޯމީޓަރަށް ވިލާގަނޑުގައި ވައިޖެހޭނެއެވެ.

ސައިންސްވެރިން ލަފާކުރަނީ މި ތޫފާންވެގެން ދާނީ ކައިރި މާޒީއެއްގައި އިންޑިއާއަށް އަރާ އެންމެ ބާރުގަދަ ތޫފާނަށް ކަމަށެވެ.

އަދި މި ތޫފާން ޕާކިސްތާނަށް އަރައިފިނަމަ ވެގެން ދާނީ 1999 ވަނަ އަހަރަށްފަހު އެ ގައުމަށް އަރާ އެންމެ ބާރުގަދަ ތޫފާނަށެވެ.

މި ތޫފާންގެ ސަބަބުން ލަންކާވެސް މޫސުން ގޯސްވެފައިވާއިރު، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، މި ތޫފާންގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ.