އަރަބި ކަނޑުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު، ތޫފާނަކަށް ބަދަލުވެއްޖެ އެވެ.

އިރުދެކުނު އަރަބިކަނޑާއި، މެދުއިރުމަތީ ކަނޑާއި ގުޅުނު ސަރަޙައްދުން އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައި ވަނީ މިރޭ ރާއްޖެ ގަޑިން 5:00 ހާއިރު އެވެ.

އިންޑިއާގެ މީޓިއޮލޮޖިކަލް ސެންޓަރުން ބުނެފައި ވަނީ، މި ތޫފާން މިހާރު ދަތުރުކުރަމުން އަންނަނީ އަރަބި ކަނޑުން އުތުރަށް ގަޑިއަކު ހަތްކިލޯމީޓަރު ބާރުމިނުގައި ކަމަށެވެ.

ތޫފާނުގެ ބާރު އަދިވެސް ގަދަވަމުން އަންނައިރު، މި ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށްވެސް ކުރަމުންދެއެވެ. މި ތޫފާނުގެ އަސަރު މިހާރު އެންމެ ބޮޑަށް ކުރަމުން އަންނަނީ އިންޑިއާގެ ހުޅަނގުއުތުރުގެ ސަރަޙައްދުތަކަށެވެ.

އިންޑިއާ އާއި ދިމާލަށް މިސްރާބުޖަހަމުން އަންނަ މި ތޫފާނުގެ ނުރައްކާ އެޤައުމަށް ބޮޑުވަމުން އަންނައިރު، އިންޑިއާއިން ވަނީ މި ތޫފާނަށް ނަމެއްވެސް ދީފައެވެ. އެޤައުމުގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ މި ތޫފާނަށް ދީފައިވާ ނަމަކީ "ތޫފާން ޓައުޓޭ" ކަމަށެވެ.

އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުން ކުރިޔަށް އޮތް ހަތަރު ވަރަކަށް ދުވަހުގެ މުއްދަތަށް މި ތޫފާން ދެމިގެން ދާނެއެވެ. މިގޮތުން ތޫފާނުގެ ބާރު، އަންނަ އާދީއްތަ، ހޯމަ އަދި އަންގާރަ ދުވަހު އާދަޔާއި ޚިލާފަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.

މިވަގުތު މި ތޫފާނުގައި ގަޑިއަކު 70 ކިލޯމީޓަރާއި 80 ކިލޯމީޓަރާއި ދެމެދުގެ ބާރުމިނެއްގައި ވައިގަދަވެ، ވިލާގަނޑުގައި ގާތްގަނޑަކަށް 90 މޭލަށް ވައިގަދަވާނެ ކަމަށް އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ކުރިޔަށް އޮތް ފަސް ވަރަކަށް ދުވަސް ވަންދެން މި ތޫފާނުގެ ބާރު އަންނާނީ ގަދަވަމުން ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މިވަގުތު "ތޫފާން ޓައުޓޭ" ދަތުރުކުރަމުން އަންނަނީ އިންޑިއާގެ އުތުރު އައްސޭރީގެ ޖަޒީރާ ރަށެއް ކަމަށްވާ އަމީނީދީވީ އާއި 100 ކިލޯމީޓަރު ދުރުން އަދި ކެރެލާ ސްޓޭޓާއި 290 ކިލޯމީޓަރު ދުރުންނެވެ.

އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުން ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭ މި ތޫފާނުގެ ބާރު އިތުރަށް ގަދަވެ، ބާރުގަދަ ތޫފާނަކަށް ބަދަލުވާނެއެވެ. އަދި ތޫފާނުގެ ބާރު އެންމެ ގަދަ އެއް މަރުޙަލާގައި އެޤައުމުގެ ގުޖުރާތުގެ އައްސޭރިއަށް ތޫފާނުގެ އަސަރު އަންނަ އަންގާރަ ދުވަހު ކުރާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މި ތޫފާނުގެ އަސަރު ކުރިޔަށް އޮތް ދުވަސްތަކުގައި ލަކްޝަދީޕް އައިލޭންޑް އާއި ކެރެލާ ސްޓޭޓާއި ޓެމިލްނާޑޫ އާއި ކަރްނަޓަކާ އާއި ގޯއާ އަދި ގުޖުރާތުގެ އިތުރުން ރާޖަސްތާނަށް ކުރާނެ ކަމަށް ލަފާކުރެވިފައިވާތީ، މި ސަރަޙައްދުތަކަށް ވަރަށް ބޮޑަށް ވައިބާރުވެ ބޯކޮށް ވާރޭވެހި ވިއްސާރަވެދާނެ ކަމަށްޓަކައި އިދާރާތަކުން ވަނީ އިންޒާރުވެސް ނެރެފައެވެ.

އަދި ރާއްޖެ ސަރަޙައްދުގެ ކަނޑުތައް ހިމެނޭހެން އިންޑިއާ ކަނޑުގެ ބޮޑު ސަރަޙައްދެއް އާދަޔާއި ޚިލާފަށް ގަދަވާނެ ކަމަށް ބެލެވިފައިވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

"ތޫފާން ޓައުޓޭ" ގެ އަސަރު އިންޑިއާގެ ބޮޑު ސަރަޙައްދަކަށް މިހާރުވެސް ކުރަމުން ދާއިރު، ބޯކޮށް ވާރޭވެހި ވައިގަދަވެ އެޤައުމުގެ ބައެއް ހިސާބުތަކަށް ވަނީ ގެއްލުންވެސް ވެފައެވެ.