ސިޓީތަކަށާއި ރަށްތަކުގެ ކައުންސިލްތަކަށް އަލަށް އިންތިހާބުވެވަޑައިގަތް ކައުންސިލަރުން ހުވާ ކުރައްވައި، ރަސްމީކޮށް މަސައްކަތާ ހަވާލުވެވަޑައިގަންނަވައިފިއެވެ.

ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ބޮޑު ހަތަރު ސިޓީ ކަމަށްވާ، މާލެ، އައްޑޫ، ފުވައްމުލަކުގެ އިތުރުން ކުޅުދުއްފުށިން އިންތިހާބުވެވަޑައިގެންނެވި ކައުންސިލަރުން ވަނީ ހުވާކުރައްވައިފައެވެ. ބައެއް ރަށްތަކުގެ ކައުންސިލަރުން ހުވާކުރުން ކުރިޔަށްދާއިރު މިއަދު ކުރިޔަށް އޮތް ވަގުތުތަކުގައި އިތުރު ކައުންސިލަރުންތައް ވެސް ހުވާކުރައްވަން ވަނީ ހަމަޖެހިފައެވެ.

ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން މާލެ ސިޓީގެ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. ރަށްރަށުގައި، އޮންލައިންކޮށް ރަސްމިއްޔާތު ނުބޭއްވިޔަސް ކުރިޔަށް ގެންގޮސްފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުއެވެ.

މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ އިންތިހާބުގައި ސަރުކާރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކައުންސިލްތަކުގެ 400 ގޮނޑިއެއް ވަނީ ކާމިޔާބުކޮށްފައެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީއިން ވަނީ 325 ގޮނޑި ކާމިޔާބުކޮށްފައެވެ. އަމިއްލަ ކެންޑިޑޭޓުން 173 ގޮނޑި ކާމިޔާބު ކޮށްފައިވެއެވެ. ޖުމްހޫރީ ޕާޓީއިން 26 ގޮނޑި، އަދާލަތު ޕާޓީއިން 13 ގޮނޑި، އަދި އެމްޑީއޭއިން 16 ގޮނޑި ކާމިޔާބުކޮށްފައިވެއެވެ. އެމްއާރުއެމްއިން ގޮނޑިއަކާއި ލޭބާ ޕާޓީއިން ގޮނޑިއެއް ކާމިޔާބުކޮށްފައިވެއެވެ. އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް ލިބުނު ކަމުގައިވިޔަސް ބޮޑެތި ސިޓީތަކުގެ މެޖޯރިޓީ ވަނީ ގެއްލިފައެވެ. އެމްޑީޕީގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ޕާޓީއަށް ވަނީ މާލެ ސިޓީގެ މެޖޯރިޓީ ގެއްލިފައެވެ. ބޮޑު ތަފާތަކުން މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

އައްޑޫ ސިޓީންވެސް އެމްޑީޕީއަށް ވަނީ މެޖޯރިޓީ ގެއްލިފައެވެ. އަދި މީގެ ކުރިން އެމްޑީޕީން "ފަތަހަ" ކުރަމުން އައި ބައެއް ރަށްތަކުންވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ.