މިއަހަރު ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވުމުގެ ފުރުސަތު މި މެއި މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާތީވެ ޝައުގުވެރިވާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ރައީސް އޮފީހުން އިލްތިމާސްކޮށްފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު މާދަމާ އިން ފެށިގެން މި މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން މެންދުރުފަހު 2:00 އާ ދެމެދު އެ އޮފީހުގެ ރިސެޕްޝަނުން ބަލައިގަންނާނެ ކަމަށެވެ.

ފޯމު ފޮނުވަން ޖެހެނީ، ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސް އޮފީހަށެވެ. އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އީމެއިލް މެދުވެރިކޮށްވެސް ވަނީ ހުޅުވާލައިފައެވެ.

އީމެއިލް ކުރާނަމަ، ފޮނުވާނީ [email protected] އަށެވެ. ފޯމު ހުށަހަޅާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ގައުމީ އިނާމާބެހޭ ކޮމިޓީއިން އެދިފައެވެ.

ގައުމީ އިނާމަށް މިއަހަރުވެސް ހުޅުވާލީ މައިގަނޑު 33 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސައިފައެވެ.

އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ގައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ރައީސް އޮފީހުން ވަނީ ހަމަޖައްސައިފައެވެ. ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމުއިއްޔާ ޖަމާއަތް ފަދަ ތަންތަނުން ގައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.