ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްއަށް ގެވެށި އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ޖެންޑާ މިނިސްޓްރީންނާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.

އިއްޔެގެ ވަގުތެއްގައި އެ މައްސަލަ ހުށައެޅިފައިވާކަން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ. ހުށައެޅިފައިވާ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުންދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން އެޗްއާރުސީއެމުން ޓްވީޓާ މެދުވެރިކޮށް ވިދާޅުވީ، އެ މައްސަލަ ކަމާ ގުޅޭ މުއައްސަސާތަކުން ތަހުގީގުކުރަމުންދާ ގޮތް ކޮމިޝަނުން މޮނިޓާ ކުރަމުންދާ ކަމަށެވެ.

މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ވަނީ ބަލަން ފަށާފައެވެ. ކަމާއިބެހޭ އިދާރާތަކުން މައްސަލަ ބަލަމުންދާ ގޮތް ވަރަށް ގާތުން ބަލާނެކަމުގެ ޔަގީންކަން ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވަނީ މިއަދު ދެއްވާފައެވެ.

މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އިސައާ ސުވާލުކޮށްފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. މި ވާހަކަތައް ފެންމަތިވި ފަހުން އެކަމާއި ގުޅޭ ގޮތެއް އެއްވެސް އެއްޗެއް އީސަ ވިދާޅެއް ނުވެއެވެ. ''ވަގުތު" އިން ގުޅާލުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ އީސަގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް އެދެން ފުލުހުން ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިހާރު ވަނީ އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދޭން ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.

ވިހާވެސް އަވަހަކަށް އީސައާ މެދު ފިޔަވަޅު އެޅުމަށާއި، އޭނާ ހައްޔަރު ކުރަން ގޮވާލާ އަޑުތައް ދަނީ ގިނަވަމުންނެވެ. އަދި މަޖިލީހުގެ މެންބަރު ކަމުން އޭނާ އިސްތިއުފާ ދެއްވުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކެންދޫ

  ރިސޯޓެއް ގެ ވޭޓަރަކައް އުޅެފަ މަޖިލިހަށް ވަނީމަ ވާނީ މިހެން. އަދިވެސް މޮޔައިންގެ އެތައް ކަނޑި ދޭތި

  • ރިޒޯޓް ބޯއީ

   ރިޒޯޓް ވެއިޓަރުންނަކީ ދަށުދަރަޖައިގެ ބައެއް ނޫން. މީހެއްގެ އަހުލާގު ދައްވުމަކީ އޭނާ ކުރިން އަދާކުރި ވަޒީފާއަކުން ވާކަމެއް ވެސް ނޫން. އެއީ އޭނާ އަމިއްލަ އިހްތިޔާރުގައި ކުރާކަންކަން

 2. ަސދަސަ

  އޭނާގެ މޫނުމަތިން ދުވަހަކުވެސް ހިނިތުންވުމެއް ނުފެނޭ. އަބަދުވެސް ހުންނަނީ ރުޅިއަިސްސަ.
  ތިވަރުގެ މީހަކާއި އެކު އުޅޭނީ މޮޔައިން.

 3. އަސްލު

  ކީއްވެތޯ ކުރީގެ ޓޫރިޒަމް މިނިސްޓަރު ވަކިބައެއް ބުނާހާ އަމަލުތަކެއް ހިންގިނަމަ މި ދެ މުއައްސަސާއިން އެކަން ނުބެލީ؟ އޭރު މި ދެ މުއައްސަސާ ކޮބައިތޯ؟ އޭއީ ބޮޑު ފްރޭމެއްކަން މިހާރު ޔަގީން ވެއްޖެ. އިންޝާﷲ އަސޫއަށް އިންސާފުލިބޭނެ.