ހއ.ދިއްދޫގައި ކޮވިޑް ހާލަތު ގޯސްވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ފަރާތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އެރަށުގައި އިއުލާންކުރި ކާފިއުގެ މުއްދަތު މިރޭ 00:00 އަށް ހަމަވުމުން، ދިއްދޫ ކައުންސިލުން އެރަށުގައި ކާފިއު އިއުލާން ކޮށްފިއެވެ.

ދިއްދޫ ކައުންސިލުން މިރޭ ކުރި އިއުލާނެއްގައި ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު ހަމަވެފައިވީނަމަވެސް އަދިވެސް ރަށުގެ ޙާލަތު ޢާންމު ޙާލަތަށް ބަދަލުވެފައި ނުވާތީ، މިރެއިން ފެށިގެން 29 މޭ 2021 ވަނަ ދުވަހުގެ ރޭ މެންދަމު 00:00 ގެ ނިޔަލަށް ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް ކާފިއު ހިންގުމަށާއި ރޭގަނޑު 21:00 އިން ފަތިހު 4:00 އަށް ދުއްވާ އެއްޗެތި ދުއްވުން މަނާކުރަން ނިންމާފައިވާ ކަމަށެވެ.

ބޭނުންތަކުގައި ގެއިން ބޭރަށް ނިކުންނަށް ޖެހިއްޖެނަމަ ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދަން ވެސް ކައުންސިލުން ވަނީ އަންގާފައެވެ.

މީގެ އިތުރުން ގުމައްޗާއި އެހެނިހެން ތަންތަނުގައިވެސް އެއްވަގުތެއްގައި 3 މީހުންނަށް ވުރެ ގިނައިން ނުކުމެ ނޫޅުމާއި އަދި ޞަރޫރީ ބޭނުންތަކުގައި ނުކުންނައިރު މާސްކު އެޅުމާއި އެކު ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން އެއްގެއިން އަނެއްގެއަށް ޒިޔާރަތް ކުރުން ވަނީ މަނާކޮށްފައެވެ.

ރޯގާގެ އެއްވެސް އަލާމާތެއް ހުރި އެއްވެސް ފަރާތެއް މިސްކިތަށާއި މީހުން އެއްވާ އެއްވެސް ތަނަކަށް ނުދިއުމަށާއި މިސްކިތްތަކަށް، ޢުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިން އަދި ދިގު މުއްދަތަށް ބޭސްކުރާމީހުން ނުދިއުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ. މީގެ އިތުރުން މިސްކިތަށް ދުރުވާ ބޭފުޅުން މުސައްލަ ގެންދެވުމަށާއި ގެއިން ވުޟޫކޮށްގެން މާސްކް އަޅުއްވައިގެން ދުރުވުމަށް ވެސް ވަނީ އެދިފައެވެ.

ފިހާރަ އަދި ރެސްޓޯރެންޓް ފަދަ ތަންތަނަށް އެއްފަހަރާ ވަދެވޭނެ ޢަދަދެއް ކަނޑައަޅާ އެ ތަންތަނުގެ އެތެރޭގަ އާއި ބޭރުގައިވެސް ގައިދުރުކަން ބެހެއްޓޭނެ ގޮތަށް 3 ފޫޓް ދުރުގައި ކަސްޓަމަރުން ތިބެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވެސް ކައުންސިލުން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާމިދު

    ހަވަރު ތިނަދޫގަ ކުރީގަ އޮތް ބިގަރު ކައުންސިލުން ބެލީ ތިނަދޫ ވާސްޓް ސިނާރިއޯ އަކަށް ނުދާތީ ކާފިއު އިއުލާނު ނުކުރަން. އެ ބިގަރު ވާސްޓް ސިނާރިއޯ މާނަ ކުރި ގޮތެއް އެގޭނީ ހަމަ އެބިގަރަށް.

    6
    1
  2. މިއަދު

    ދިއްދޫކައުންސިލަށާއި އަތޮޅުތެރޭގެ ހުރިހާކައުންސިލަކަށް އަޅުގަނޑު ދަންނަވާލަންބޭނުންވަނީ ކޯވިޑް 19ގެ ބަލިމަޑުކަމުގައި ޑަކުޓަރުންގެ އަދޭހުގައި ކޮޅުފައިންޖަހާ މިސަރުކާރުން ހެދި ގޯސްތަކުން ސަރުކާރު މިވަނީ ގޮތްހުސްވެފައޭ މިކަމުގައި ސަރުކާރާއި އެޗްޕީއޭ އަށް ނުބަލާ ކޮންމެކައުންސިލަކުންވެސް އެކައުންސިލެއްގެ ރަޢިއްޔަތުންގެސަލާމަތާއި ރައްކާތެރިކަމަށް ބަލާ އެޅެންއޮތް އެއްމެހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާދެއްވާ ﷲ ގެ ރަޙުމަތްފުޅުން މިބަލިމަޑުކަމުން ސަލާަތް ވުމަށް މަސައްކަތް ކޮށްދެއްވާށެ

    1
    1