އދ. ދިއްދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިއަދު ފްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ.

މި މަޝްރޫއުގެ ދަށުން ދިއްދޫ ބަނދަރު ތިން މީޓަރަށް ފުން ކުރުމާއި ނެރު ހަތަރު މީޓަރަށް ފުން ކުރުމާއި 89 މީޓަރުގެ ބޮޑުހިލަ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީއިން ބުނެއެވެ

އަދި 137 މީޓަރުގެ ސޭންޑް ފިލްޑް ބްރޭކްވޯޓާ އާއި 257 މީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓް އަދި 30 މީޓަރުގެ އެލް-ބްލޮކް ވާޓަރު ގާއިމް ކުރުން ހިމެނޭ ކަމަށެވެ.

މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 330 ދުވަސް ތެެރޭގައި ނިންމާގޮތަށެވެ. މަޝްރޫއުގެ އަގަކީ 22،998،982.32 ރުފިޔާއެވެ.