ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މާދަމާ ބޭއްވުމަށް ތާވަލް ކޮށްފި އެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ. މި ދައުވާ ފާރިސްގެ މައްޗަށް އުފުލާފައިވަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެއެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެފަހުން ތާވަލުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހަށެވެ. އެ ދުވަހުގެ އަޑުއެހުމުގައި ފާރިސް ވިދާޅުވީ އަޑުއެހުމެއް ތާވަލު ކުރިކަން އޭނާއަށް އަންގާފައި ވަނީ ވެސް އެ ދުވަހުގެ ހެނދުނު ކަމަށާއި ތާވަލު ކުރީ ކޮން މައްސަލައެއް ކަމަށްވެސް ކަރެކްޝަންސް އިން ސާފުކޮށްދީފައިނުވާ ކަމަށެވެ. އަދި ވަކީލުންނާއި ބައްދަލު ކުރެވިފައި ނުވުމުން މައްސަލައަށް ތައްޔާރުވެވިފައި ނުވާކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

އަދި މި މައްސަލައިގެ އަޑުއެހުން އަންނަ ހަފްތާއަށް ފަސް ކުރުމަށް ފާރިސް އެދިވަޑައިގަތުމުން އެކަމަށް އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ދައުލަތުން ވިދާޅުވުމާއެކު ގާޒީ ވަނީ މި މައްސަލައިގެ އަޑުއެހުން ފަސްކުރައްވަން ނިންމަވާފައެވެ.

ޝަރީއަތްތައް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓާފައިވާއިރު އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އިތުރު ދައުވާތަކެއް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ނިރުބަވެރިކަމުގެ ދައުވާވެސް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.