ހުޅުމާލެ ސަހަރާ ފުރެން އުޅޭ ކަމަށް ބުނާ ވާހަކަތައް ޖަމާއަތްތެރިން ދޮގުކޮށްފިއެވެ.

ރާއްޖެ އިން ކޮވިޑް-19 ބަލީގައި ނިޔާވާ މީހުންގެ ތެރެއިން މާލެ ސަރަހައްދުގައި ނިޔާވާ ވަޅުލަނީ ހުޅުމާލެ ސަހަރާގައި ވަކިން ހާއްސަކޮށްފައި އޮންނަ ސަރަހައްދެއްގައެވެ. އަދި ކަށުކަމާކެމީގެ ކަންކަން ވެސް ކުރަމުން ދަނީ ހުޅުމާލެ ސަހަރާގައެވެ.

ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ ވަޅުލުމުގެ ކަންކަމުގައި އެންމެ ގިނަ އިން ބައިވެރިވެފައި ހުރި އިސް ޖަމާއަތްތެރިއެއް ކަމަށްވާ އަހުމަދު މުނައްވަރު ބުނީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލާން ފެށި ފަހުން މިއަދާ ހަމައަށް އައިއިރު ސަހަރާގެ މެދަކާ ހިސާބު ވެސް ފުރިފައި ނުވާ ކަމަށެވެ.

ހުޅުމާލެ ސަހަރާއަކީ މާލޭގައި ހުންނަ އާސަހަރާ އަށް ވުރެ ޖާގައިގެ ގޮތުން ވަރަށް ބޮޑަށް ތަނަވަސް ސަހަރާއެކެވެ.

ހުޅުމާލެ ސަހަރާގެ ޖާގަ ތަނަވަސްކަމުން، ޖާގައިގެ ދަތިކަމެއް އަދި އިހްސާސް ކުރަން ނުޖެހޭ ކަމަށް މުނައްވަރު ބުންޏެވެ.

ރާއްޖެ އަށް އެރި އެންމެ ވަރުގަދަ ކޮވިޑް މި ރާޅުގައި އެތައް ބައެއްގެ ފުރާނަ ވަކިވެގެންދާ މި ދުވަސްވަރު، މުނައްވަރާއި ޖަމާއަތްތެރިން ތިބީ ސަހަރާގައި "ލޮކްޑައުން" ވެގެންނެވެ.

ރާއްޖެ އަށް މި މަހަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ވަރަށް ހިތްދަތި މަހެކެވެ. މި ބަލީގައި މިހާތަނަށް 144 މީހުން ކޮވިޑް ބަލީގައި ވަނީ ނިޔާވެފައެވެ. އޭގެ ތެރެއިން 71 މީހުން ނިޔާވެފައި ވަނީ މި މަހުގެ ތެރޭގައެވެ.

އިއްޔެ އަކީ ރާއްޖެއިން ކޮވިޑް ބަލީގައި ރިކޯޑް އަދަދަކަށް މީހުން ނިޔާވި ދުވަހެކެވެ. އިއްޔެ އެކަނި ވެސް 13 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދިހަ މީހަކާއި އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން ދިޔަ މީހެއްގެ އިތުރުން، ޅ. ހިންނަވަރާއި އައްޑޫން މީހެކެވެ.

މިދިޔަ ދެ ހަފުތާއެއްހާ ދުވަހަށް ބަލާއިރު ކޮންމެ ދުވަހަކު އެވްރެޖްކޮށް ކޮވިޑް ބަލީގައި ތިން މީހުން މަރުވެއެވެ. އަދި ބައެއް ދުވަސް ދުވަހު، ހަތަރު މީހުންނާއި ފަސް މީހުން ވެސް ނިޔާވެފައިވެއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި މާލޭގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް ދެ ހަފްތާވީއިރުވެސް އެއްވެސް ނަތީޖާއެއް ނުފެންނާތީ އަނެއްކާވެސް ވަނީ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައެވެ. އެގޮތުން ހަވީރު 4:00 އިން ފެށިގެން ހެނދުނު 8:00 އަށް މާލޭގައި ކާފިއު ގަޑި ވަނީ އިއުލާންކޮށްފައެވެ. ކާފިއު ގަޑި ނޫނަސް، ބޭރަށް ނުކުމެވޭނީ ފުލުހުންގެ ހުއްދަ އޮވެގެން ކަމަށް މިހާރު ވަނީ ނިންމައިފައެވެ.

ރާއްޖެ އިން މިހާތަނަށް 57،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ.