ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާގައި ރާއްޖެއިން ބައިވެރިކުރުމުގެ މަސައްކަތް، އިރުމަތީ އޭޝިއާގެ ސަރަހައްދީ ޖަމްއިއްޔާ އާސިއާންގެ ރިޔާސަތު ބަލަހައްޓާ ބްރޫނާއީން ފަށައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، އާސިއާން ސަރަހައްދުގެ ގައުމުތަކާއެކު ރާއްޖެއިން އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، އެމިޓީ ޓްރީޓީގައި ރާއްޖޭން ބައިވެރިކުރުމާމެދު އާސިއާންގެ ގައުމުތަކުން ދެން އެންމެ އަވަހަށް އޮންނަ ސަރަހައްދީ ބައްދަލުވުމުގައި ގޮތެއް ނިންމާނެ ކަމަށެވެ.

އެމިޓީ ޓްރީޓީއަކީ އާސިއާންގެ މެމްބަރު ގައުމުތަކުގެ މެދުގައި 1976 ވަނަ އަހަރު ސޮއިކުރެވުނު މުއާހަދާއެކެވެ. މިމުއާހަދާ އެކުލަވާލާފައިވަނީ އާސިއާން ގައުމުތަކުގެ މެދުގައި ގާއިމްކުރެވިފައިވާ ގުޅުން ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ދެމެހެއްޓުމުގެ ބޭނުމުގައެވެ.

އެމިޓީ ޓްރީޓީގައި ރާއްޖެއިން ބައިވެރިވުމަށް ފެނޭތޯ ބެލުމަށް މިދިޔަ މާޗް މަހު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ، 28 އެޕްރީލްގައި އޮތް މަޖިލީހުގައި ޖަލްސާގައި ނިންމައި، އެމިޓީ ޓްރީޓީގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ.