ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް ކަމަށް ހަމަޖެއްސެވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަކީ އިހުލާސްތެރިއެއް ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވަމުން އަންނަ، އަސްލަމް ރަނިންމޭޓަކަށް ހަމަޖެއްސުމުން ޝާހިދު ވިދާޅުވީ، އަސްލަމްއަކީ އިޚްލާސްތެރިއެއް ކަމަށާއި އެއީ ކުޅަދާނަ، ތަޖުރިބާކާރު އަދި ޚިދުމަތްތެރި ބޭފުޅެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އަސްލަމާއެކު ދިގު މުއްދަތެއްގައި މަސައްކަތްކުރަން ފުރުސަތު ލިބުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އާއި އަސްލަމް މި އިންތިޚާބު ކާމިޔާބުކުރައްވާ ދިވެހިން މިއެދޭ އުފާވެރި, އަމާން, ރާއްޖެއަށް ދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް،" ޝާހިދު ވިދާޅުވިއެވެ.

އަސްލަމް، ރަނިންމޭޓަކަށް ކަނޑައަޅަން ނިންމެވުމުން އޭނާ މިހާރު ވަނީ ކުށުގެ ރެކޯޑު ސާފު ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހުށަހަޅުއްވައިފައެވެ.

އަސްލަމް ރައްޔިތުންގެ މަޖިލިސް މެންބަރު ކަމަށް ފުރަތަމަ ހޮވިވަޑައިގެންނެވީ 2005 ވަނަ އަހަރުއެވެ. އޭނާ މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ހަތަރުވަނަ ދައުރެވެ. އަސްލަމް އަކީ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންނަށް ބަލާއިރު އެންމެ ގިނަ ދުވަހު މެންބަރުކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ އެ ގޮނޑި ފުރުއްވާތާ މިހާރު 15 އަހަރުވެއްޖެއެވެ.

އެމްޑީޕީ ފެށުނީއްސުރެ ރައީސް ސޯލިހްއާ އެކުގައި ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި އަސްލަމް މިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ނިމުނު ދުވަސްކޮޅު އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކީގައި ވަރަށް ގާތް ގުޅުމެއް ބޭއްވި ތަން ފެނިފައިވެއެވެ. އޭރު މަޖިލިހުގެ ރައީސް ކަމަށް އަސްލަމް ގެންނެވުމަށް ލޮބީ ކުރެއްވި އެއް ބޭފުޅަކީ ވެސް ނަޝީދެވެ.

ނަމަވެސް އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުން ބޮޑުވުމާ އެކު، އަސްލަމް ނެންގެވީ ރައީސް ސޯލިހްގެ ފަޅިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަރުކޮރު

    އަސްލަމަކީ ޗޯރޭގެ ވައްކަމުގެ ބައިވެރިއެއް

    9
    5
  2. ހުސޭނުބޭ

    ޝާހިދު އެހެން ބުނެފިތަ........ އެވާނީ ވަގަކަށް. ފުރަތަމަ ޝާހިދަކީވެސް ބޮޑު ވަގެއް! އޭގެ ތެރޭގައި ކާޕެޓާއި ފައިފުހިތަކުންވެސް ވައްކަންކުރި.