"ހިޔާ" މަޝްރޫއުގެ ފްލެޓްތަކަށް ފޯމު ދޫކުރުމާއި ބަލައިގަންނަ މުއްދަތު އިތުރުކޮށްފިއެވެ،

އެގޮތުން މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފޯމު ދޫކުރުމާއި ފޯމު ބަލައިގަނެވޭނެ ކަމަށް ހައުސިން މިނިސްޓްރީއިން ވިދާޅުވިއެވެ.

މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ދަރުބާރުގެއިން ފޯމް ބަލައިގަންނަން ފަށާފައިވާއިރު ފޯމު ބަލައިގަތުން ކުރިއަށް ގެންގޮސްފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 1030-1330 އަށް އަދި ރޭގަނޑު 2100-2300 އަށެވެ.

އެހެން ނަމަވެސް ހައުސިން މިނިސްޓްރީން މިހާރު ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 1030-1600 އަށް އަދި ރޭގަނޑު 2000-2300 އަށް ފޯމް ބަލައިގަތުމާއި ދޫކުރުން ކުރިއަށް ގެންދިއުމަށެވެ.

ފްލެޓަށް ފޯމު ހުށަހަޅުމަށް ބޭނުންވާ ނަންބަރު ކިއުބީ އެޕްލިކޭޝަން އާއި ދަރުބާރުގެއިން ލިބެން ހުންނާނެއެވެ.

ފްލެޓްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުމުގެ މުއްދަތު އިތުރުކުރީ ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ 7،000 ފްލެޓު، 17 ކެޓަގަރީ އަކަށް ބަހާލައި، ކުރިމަތިލާން ހުޅުވާލުމުން އެ ފްލެޓްތަކަށް މިހާތަނަށް ގާތްގަނޑަކަށް 50،000 އަށް ވުރެ ގިނަ ފޯމު ވަނީ ނަގައިފަ އެވެ.