އައްޑޫސިޓީން އިތުރު 16 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު 293 އަށް އަރައިފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފައްސިވެފައިވާ 16 މީހަކުގެ ތެރެއިން 15 މީހަކީ ހިތަދޫ އިން ފައްސިވެފައިވާ މީހުން ކަމަށާއި ބާކީ ވޭދަނައަކީ ހުޅުދޫއިން ފެނިފައިވާ ވޭދަނައެއް ކަމަށެވެ.

މިއާއި އެކީ އައްޑޫން ފައްސިވި މީހުންގެ އަދަދު 293 އަށް އެރި ނަމަވެސް، މިވަގުތު އެކްޓިވް ކޮށް ހުރީ 165 ވޭދަނައެވެ. އެއީ ހިތަދޫއިން 121 ވޭދަނަ، ފޭދޫއިން ދެ ވޭދަނަ، ހުޅުދޫއިން 25 ވޭދަނަ، މީދޫއިން އެއް ވޭދަނަ، މަރަދޫ ފޭދޫއިން އެއް ވޭދަނަ، މަރަދޫއިން 12 ވޭދަނަ، ސައުތް ޕާމް ރިސޯޓުން 2 ވޭދަނަ އަދި އެމް.އެން.ޑީ.އެފް ސަދަން އޭރިއާއިން އެއް ވޭދަނައެވެ.

އޭއީއެޗުން ބުނީ، އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 126 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

މި ބަލީގައި އައްޑޫން ދެ މީހަކު ނިޔާވެފައިވާއިރު، މިވަގުތު ދެ މީހަކަށް އަންނަނީ ހާލު ބަލި ވެގެން ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުންނެވެ.

އައްޑޫން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވި މީހުންގެ އަދަދު 541 އަށް އަރާފައިވާއިރު، އަލަށް 218 ސުންކު ވަނީ ނަގާފައެވެ. އެއާއި އެކީ މިހާތަނަށް އައްޑޫން 4،282 ސުންކު ނަގާފައިވާ ކަމަށް އޭއީއެޗުން ބުންޏެވެ.