ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާ ކުރުމުގެ މައްސަލާގައި ދައުވާ ކުރަން ފުލުހުން ފޮނުވި ލިޔެކިއުންތައް ދިރާސާ ކުރަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު "ވަގުތު" އަށް ވިދާޅުވީ އީސަ އަށް ކުރާ ދައުވާތަކުގެ ލިޔެކިއުންތައް ފުލުހުން ފޮނުވާފައިވާ ކަމަށާއި އެ ލިޔެކިއުންތައް އެ އޮފީހުން ދިރާސާ ކުރަމުންދާ ކަމަށެވެ.

ޝަފީއު ވިދާޅުވި ގޮތުގައި ދައުވާ އުފުލާ މެދު ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނުނިންމައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުން ދިރާސާކޮށް ދައުވާ އުފުލާ މެދު ގޮތެއް ނިންމަން ޕީޖީއަށް 10 ދުވަސް ލިބޭ ކަން ޝަފީއު ވެސް ފާހަގަ ކުރެއްވިއެވެ.

އީސަގެ މައްޗަށް ކުރާ ތުހުމަތަކީ އޭނާގެ ކުރީގެ އަނބިކަނބަލުން، ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތެވެ. މި ކަމާ ގުޅިގެން އަސްރާ ފުލުހުންގެ އިދާރާއަށް ހާޒިރުވެ އީސައާ ދެކޮޅަށް ފުރަތަމަ ބަޔާން ވެސް ދެއްވިއެވެ. އެކަމަކު ފަހުން އަސްރާ ވަނީ ދަރިފުޅުގެ ހައްގުގައި ކަމަށް ވިދާޅުވެ، މައްސަލަ ކުރިއަށް ނުގެންދަން އެދިވަޑައިގެންފައެވެ.

ނަމަވެސް އެއީ ޖިނާއީ މައްސަލައަކަށް ވާތީ އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ފުރިހަމަކޮށްފައެވެ.

މި ތުހުމަތާ ގުޅިގެން އެމްޑީޕީގައި އީސަ އަދާކުރައްވާ މަގާމުތަކުން ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރުގެ މަގާމުން އީސަ ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެކަމަކު ގާނޫނީ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ އީސަ މިހާތަނަށް ވަނީ އެ ތުހުމަތަށް އިންކާރު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަބޭ

    ތިޔަމައްސަލަ ދިރާސާކޮއްނިމޭނީ 2023 ނޮވެންބަރ11 ގެފަހުން ކަމައް ބެލެވެނީ

  2. ޛަޖސ.

    އާޚިރުގަ އުންސުރެއް ހަމަޔެއް ނުވާނެ

  3. ޏަމްޏަމް

    ތިޔައީ ޑރާމާ