ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލް އިދާރާގެ ޙިދުމަތްތަށް ދިނުމަށާއި އިދާރީ އޮފީސް ހިންގުމަށް ޔުނިޓެއް ހަމަޖެއްސުމަށް މިއަދު ވަނީ މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ މާލެ ސިޓީގެ މެޔަރ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެކޯޕަރޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ ސުހައިލް އަޙުމަދެވެ.

އެޗްޑީސީން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އެޑްމިނިސްޓްރޭޓިވް އޮފީސް ސްޕޭސްގެ ގޮތުގައި ހުޅުމާލެ އަމީން އެވެނިއު މޭޕަލް ޓަވަރުގެ ޔުނިޓް (އޭ.އެމް-1-05) ސިޓީ ކައުންސިލްގެ ޙިދުމަތްތަށް ފޯރުކޮށްދިނުމަށް ވަނީ ކަނޑައަޅާފައި ކަމަށެވެ.

މީގެ ސަބަބުން އަލަށް އެކުލަވާލެވުނު ކައުންސިލާއި ޤާނޫނަށް ގެނެވެނު ބަދަލުތަކާއި އެކު ދެފަރާތުން ގުޅިގެން ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުމަށް ގިނަ ފަސޭހަތަކެއް ދެ ވުޒާރާއަށާއި ރައްޔިތުންނަށް ލިބިގެންދާނެ ކަމުގައި ގަބޫލު ކުރެވޭ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މީީގެ އިތުރުން ރައްޔިތުންނާއި، ޙާއްސަކޮށް ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ލިބެންޖެހޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކުރިމަގުގައި ވެސް އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލް އާއި އެކު ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެކޯޕަރޭޝަން ތައްޔާރަށް އޮތްކަން މިފުރުޞަތުގައި ވަނީ ފާހަގަ ކޮށްފައެވެ.