އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ތަރައްޤީ ކުރާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް އޮކްޓޫބަރ އަށް ނިމި ތަނަށް ބޭނުންވާ ސާމާނު އޮކްޓޫބަރގެ ކުރިން ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ރަފީގު ހުސެއިން ވިދާޅުވީ މިއަހަރުގެ އޮކްޓޫބަރ އަށް ހޮސްފިޓަލް، ބިލްޑިންގެ މަސައްކަތް ކޮށް ނިންމާނެ ކަމަށެވެ.

އަދި މިހާރު ތަނަށް ބޭނުންވާ ތަކެތި ގެނައުމަށް ޑޮކިއުމެންޓްރީ މަސައްކަތް ކޮށް ނިންމާފައިވާ ކަމަށާއި އެތަކެތިވެސް އޮކްޓޫބަރ ގެ ކުރިން ލިބޭނެ ކަމަށް ރަފީގް ވިދާޅުވިއެވެ.

އޭގެ އިތުރުން ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކުރާނީ ހޮސްޕިޓަލް ހުޅުވުމާއި ގާތް ކޮށްލާފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހޮސްޕިޓަލްގައި ފުރަތަމަ ފަށާނީ ހުރިހާ ހިދުމަތްތަކާއި އެކުގައި ނޫން ކަމަށާއި ޚިދުމަތްތައް ތަޢާރަފް ކުރަމުން ގެންދާނީ ވަކިވަކިން ކަމަށް އޭނާ ވިދާޅުވިއެވެ.

ސިއްހަތު ދުވަހުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެފައި ވަނީ ފާއިތުވި ހަތަރު އަހަރު ސަރުކާރުން ސިއްހީ ދާއިރާއަށް ކުރި ހަރަދު 130 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

މިހާރު ދެވޭ ފަރުވާގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަޤްސަދުގައި ނޭޝަނަލް ކޮލިޓީ ފްރޭމްވޯރކް ތައްޔާރުކުރެވި ބަލި ބައްޔަށް އެކަށީގެންވާގޮތެއްގައި ފަރުވާކުރާނެ ގައިޑްލައިން ތައްޔާރުކުރެވި، މިހާރު ދަނީ ތަންފީޒުކުރެވެމުންނެވެ. އޭގެ އިތުރުން ރާއްޖޭގައި ޚިދުމަތްދޭ ޑޮކްޓަރުންނާއި ނަރުހުންގެ ފެންވަރުބެލުމުގެ ޓެސްޓްތައްވެސް މިހާރު ދެމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހ.ހ

    ދުވަހަކު ނުނިމުނު ތަނެއް އަބަދުވެސް ކޮންމެވެސް ޑެޓެއް ؟؟؟

  2. އައްޑޫމީހެއް

    ކޮބައިތޯ އޭގެ މާނައަކީ ދައުރަކަށް ޚިދުމަތެއްތޯ؟

  3. ލަކީ

    ނަން ބޯޑު ބަަދަލް ކޮއްލީމަ އޯކޭ ޥާނެ