އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މީހެއްގެ ލޮލު ތެރެއިން އާންމުކޮށް ނުފެންނަ ބާވަތެއްގެ ފަންޏެއް ނަގުމުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއި އެކީ ކޮށްފިއެވެ.

އޭއީއެޗުން ބުނީ، އެފަނި ނަގާފައިވަނީ ލޯ ހިރުވައި އަދި ލޯ ރަތް ވުމާއި ގުޅިގެން އޭއީއެޗްއަށް ދެއްކި ބިދޭސީ އަންހެނެއްގެ ލޮލުން ކަމަށެވެ. "ލޯލޯ" ނުވަތަ އާންމު ނަމުން ނަމަ، އެފްރިކަން އައިވޯމް އެމީހާގެ ލޮލުން ނެގުމަށްފަހު، އިތުރަށް ބަލަން ޖެހޭކަންކަން ބެލުމަށް އެމްއާރުއައި ސްކޭނެއް ވެސް ހަދާފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ކުޑަ އޮޕަރޭޝަނަށްފަހު، އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މިއީ އޭއީއެޗްއިން މިފަދަ އޮޕަރޭޝަނެއްކޮށް، މީހެއްގެ ލޮލުން އެފަދަ ފަންޏެއް ނެގި ފުރަތަމަ ފަހަރެވެ. މި އޮޕަރޭޝަނުގެ އިތުރުން ވެސް އެ ހޮސްޕިޓަލުން ވަނީ މާލޭގައި ކުރަމުން އަންނަ ބައެއް އޮޕަރޭޝަންތައް ވެސް މީގެ ކުރިން ކޮށްފައެވެ.