އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކެތު ލެބެއް ގާއިމުކުރުމުގެ މަސައްކަތް ފަށަން އަނެއްކާވެސް ތައްޔާރުވެއްޖެއެވެ.

ކެތު ލެބަކީ ހިތުގެ ބަލިތައް ހާއްސަކޮށްގެން ފަރުވާ ދިނުމަށް ގާއިމުކުރާ ކްލިނިކެކެވެ. އޭޑީކޭ އަދި އައިޖީއެމްއެޗްގައި މީގެކުރިން ވަނީ ކެތު ލެބް ހުޅުވައި ހިދުމަތްދޭން ފަށާފައެވެ.

އޭއީއެޗްގައި ކެތު ލެބެއް ގާއިމު ކުރަން 2021 ވަނަ އަހަރުގެ ބަޖެޓްގައި ވެސް ހިމެނިއެވެ. ނަމަވެސް އެއަހަރު އެމަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އިއްޔެ އޭއީއެޗް އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކެތު ލެބްގެ ޚިދުމަތް ފެށުމަށް ހޮސްޕިޓަލުގެ ސެޕްޓިކް އޯޓީ ރޫމްއަށް ބަދަލުގެނެސް މަރާމާތުގެ މަސައްކަތް، މަސައްކަތް ހަވާލުކުރެވޭތާ 45 (ސާޅީސް ފަސް) ދުވަސް ތެރޭ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މިމަސައްކަތް ކުރުމަށް 10 ސެޕްޓެމްބަރު 2022 ވާ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް އިއުލާނުގައި އެދިފައި ވެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 11 ސެޕްޓެމްބަރު 2022 ވަނަ ދުވަހުގެ 13:00 ގައި ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމްގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މައުލޫމާތު ސެޝަނުގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ނުލިބޭނެއެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވި ފަރާތްތަކުން ބިޑް ހުށަހަޅުއްވަން ޖެހޭނީ 15 ސެޕްޓެމްބަރު 2022 ވަނަ ދުވަހުގެ 13:00 އަށް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެންނެވެ.

އައްޑޫ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ހަދާފައިވާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުން ދެމުންދާ ހިދުމަތްތަކުގެ ތެރޭގައި އެކްސްރޭ، އޯޕީޑީ، ލެބޯރަޓްރީ އަދި ފިޒިއޮތެރަޕީގެ ހިދުމަތް ހިމެނެއެވެ. އޭގެއިތުރުން ކާޑިއޯ، ޑެންޓަލް، ޔޫރޮލޮޖީ، ރެސްޕިރެޓަރީ، ރީޕްރޮޑަކްޓިވް ހެލްތު އަދި އެކި ކަހަލަ ތެރަޕީތައް ދިނުމާއި، އަދި ބޮޑެތި ބަލިތަކަށް ތަހްލީލްކުރުމާއި ބޮޑެތި އޮޕަރޭޝަންތައް ވެސް އެ ހޮސްޕިޓަލުގައި އަންނަނީ ކުރަމުންނެވެ.

އޭއީއެޗްގައި އޮޕަރޭޝަން ކުރުމަށް ފަސް ތިއޭޓަރު ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަރަގު

    ކެތު ލެބް ހުޅުވުމުން ލެބެއް ހުރެދާނެ. އޭގެއިން ރައްޔިތަކަށް ކުރާނެ ފައިދާއެއްނެތް. މިހާރުވެސް ފެންވަރުގެ ވަޞީލަތް ތިތަނުގައި ޤާއިމުކުރެވިފައި އެބަހުރި. އެކަމަކުވެސް ނިކަމެތި ރައްޔިތުމީހާ ފަށްޓަރުބައި ވިއްކާލާފަ އަދިވެސް ފުރައިގެން ދާންމިޖެހެނީ، ހުރި ވަޞީލަތްތައް ބޭނުން ކުރަން އެގޭ ބަޔަކު ނެތިގެން، ކަމަށް އެކަށޭނެ ޤާބިލް ކަމުގެފަންނުވެރިން ނެތިގެންމިއުޅެނީ. އަމާ ބުނީތީ ފަރަށްދާ އުޞޫލު ދޫކޮށް ހެޔޮނިޔަތުގައި ކަަންކަން ކޮށްގެން ނޫނީ ރައްޔިތަކަށް ފޮނި މީރުކަމެއް ހިތްހަމަޖެހުމެއްނެތް.

  2. ޝުކުރިޔާ ކުރީސަރުކާރު

    ރައީސްޔާމީން މަނިކުފާނުގެ އަގުހުރިޚިދުމަތައް ފައްފަށުން ޝުކުރިޔާ

  3. ސްލޯ މޯޝަން

    ރައީސް ޔާމީނުގެ ސަރުކާރުން ގަނެފައޮތް ކެތްލެބެއް! މިހާރު ވެރިކަމާއި ހަވާލުވެ 4 އަހަރުވީފަހުންވެސް މި ކިޔަނީ "ކެތު ލެބެއް ގާއިމު ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ"ޔޯ. ތަނކޮޅެއް ބޮޑުވަރު! ސްލޯވިޔަސް މިވަރު ފުކެއްބޮޑު