ލޮލުގެ ފުސް ކެހުމުގެ އޮޕަރޭޝަނެއް އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލްގައިކޮށްފިއެވެ.

އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުން މިއަދު ބުނީ ލޮލުގެ ފުސް ކެހުމުގެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ. އެކަމަކު، އެ ހޮސްޕިޓަލުގައި އެ އޮޕަރޭޝަން އަލަށް ކުރި ނަމަވެސް އެކަމުގައި ބައިވެރިވި ޑޮކްޓަރުންނަކީ އެފަދަ ސާޖަރީތައް ހަދާފައިވާ ތަޖުރިބާކާރު ބޭފުޅުންކަން ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން އެ ހޮސްޕިޓަލުގައި ހެދި އެފަދަ ފުރަތަމަ ސާޖަރީ މިއަދު ކުރިޔަށް ގެންގޮސްފައިވަނީ ކާމިޔާބުކަމާއެކު އެފަދަ އެތަކެއް އޮޕަރޭޝަންތަކެއް ކޮށްފައިވާ ޑރ. ޕޫޖާއެވެ. އޭނާއަކީ ލޮލުގެ ހާއްސަ ޑޮކްޓަރެކެވެ. އޭނާ އާއެކު ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް ވަނީ ހަރަކާތްތެރިވެފައެވެ.

އޭއީއެޗްގައި ކުރި ލޮލުގެ ފުސް ކެހުމުގެ އޮޕަރޭޝަންގެ ތެރެއިން: ފޮޓޯ- އޭއީއެޗް

އެ ހޮސްޕިޓަލުން އެފަދަ އިތުރު އޮޕަރޭޝަންތައް ކުރުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

ލޮލަށް ފުސް އެރުން (ކެޓަރެކްޓް) އަކީ އާއްމުކޮށް އުމުރުން ދުވަސް ވެފައިވާ މީހުންނަށް ދިމާވާ މައްސަލައެކެވެ. ލޮލުގެ ލެންސަށް ފުސް އެރުމުން އޮޕަރޭޝަންކޮށް އާ ލެންސެއް ނުލައްވާނަމަ ބަލިމީހާގެ ލޮލުގެ ފެނުން މަޑުމަޑުން ގެއްލިގެން ގޮސް ލޯ އަނދިރިވުމުގެ ބިރުވެސް އޮވެއެވެ.

2010 ވަނަ އަހަރު ސާކް ސަމިޓް ބާއްވަން އައްޑޫގައި ތައްޔާރުކޮށްފައިވާ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކޮށްގެން އެތަނަށް ޒަމާނީ ވަސީލަތްތަކާއި އިކުއިޕްމަންޓް ގެނެސް، އެތަނުގެ ހިދުމަތްތައް ފުޅާކޮށްފައިވަނީ މިދިޔަ ސަރުކާރުގައެވެ.