ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތްތައް ފަށާފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫގެ ދަށުން ބްރިޖް ބީމްގެ ކޮންކިރިޓް ގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 18،500 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 25،000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަޙައްދު ފުންކުރުމާއި، 214 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 282 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ނިންމައިފައެވެ.

އަދި މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.