ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން "ދަން ޖައްސަން" ޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލެއްވި ކަމަށް ބުނާ މައްސަލަ ބަލަން މަޖިލީހުގެ ސުލޫކު ކޮމިޓީގެ ބައްދަލުވުމެއް ތާވަލުކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ހިސާން ދަން ޖައްސަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވާ އަޑު ހިމެނޭ އޯޑިއޯއެއް ވަނީ އާންމުކޮށްލައިފައެވެ. އެހެން އޭނާ ވިދާޅުވަނީ 241 ކޮމިޓީން އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

މި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކު ކޮމިޓީއަށް ވެސް ހުށަހަޅާފައިވާއިރު އެ މައްސަލަ އެޖެންޑާކޮށް މިއަދު މެންދުރުފަހު 2:00 ޖަހާއިރު އެ ކޮމިޓީގެ ބައްދަލުވުމެއް ވަނީ ތާވަލުކޮށްފައެވެ.

ސުލޫކީ ކޮމިޓީގެ އިތުރުން ފުލުހަށާއި ޑިފެންސް މިނިސްޓްރީއަށް ވެސް މި މައްސަލަ ވަނީ ހުށަހަޅައިފައެވެ. މި މައްސަލަ އިދާރާތަކަށާއި ކޮމިޓީއަށް ހުށަހެޅީ މަޖިލީހުގެ ރިޔާސަތުގެ ސަމާލު ކަމަށް މެންބަރު ހިސާން މި ކަން ގެންނެވުމުންނެވެ.

މި ކަމާ ގުޅިގެން ސިޔާމް ވިދާޅުވެފައިވަނީ އޭނާ އެފަދަ ބަހެއް އަމާޒު ކުރެއްވީ އެފަދަ ކަމެއް ކުރެއްވުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި އޭނާ ދެއްކެވި ވާހަކައަކީ ޖޭއެސްސީ އިން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާތީ އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން ދެއްކެވި ވާހަކައެއް ކަމަށް ވިދާޅުވިއެވެ.

ޖޭއެސްސީ އާއި ހިސާނަށް ސިޔާމް ފާޑުވިދާޅުވެފައި މި ވަނީ، އާންމު ގޮތެއްގައި މަޖިލީހަށް ހާޒިރުވަޑައިނުގެން އަހަރު ދުވަހު ހުންނެވުމަށް ފަހު ކުއްލިއަކަށް އެ ކޮމިޓީއަށް ވަޑައިގަތަމުން އެމްޑީޕީގެ މެންބަރުން ސިޔާމަށް ފާޑުވިދާޅުވެފައިވަނިކޮށެވެ.

ސިޔާމް ހާޒިރުވި ކޮމިޓީ ބައްދަލުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ އިންކުއަރީއަށް ބޭއްވި ބައްދަލުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. .....

  ނުބައި ރަސްކަމެއް ފާޑަށް ދޯ މިހިނގަނީ ކަންކަން....ތަފާތު ކުރުން ވަރަށް ބޮޑުކަން ހާމަވޭ....ރައްޔިތު މީހާގެ ކަންކަމަށް ނުދޭ އަހައްމިއްޔަތުކަން ވެރިމީހާގެ ކަންކަމަށް ދޭ ދިނުމުން އަނިޔާވެރިކަން ހުރި މިންވަރު އެނގިގެންދޭ

 2. ކޮވިޑް

  ކޮބާތަ ރައީސް ޔާމީން ގެ ގޮއްވާލަން ބުނެ ޕޯސްޓް ކުރި މީހާ މިކަން ނުބެލުން ދޯ؟ ވަޓްއިސް ދިސް؟

  • ....

   އެއީ ޑިމޮކްރަސީ...އަހަރެމެން ކުރިން އަޑު އަހަމު އެއްނު...އަޑުގަދަ މީހާގެ ރުއްގިނަވާނެޔޭ ކިޔާ އަޑު ދޯ...އެއީ ޑިމޮކްރަސީ...ހައްގުވެސް އޮންނާނީ އަޑުގަދަ މީހާގެ އެކަނި....ޔާމީނުގެ މީހުންގެ އަޑުމަޑީ....އަޑުގަދަ މީހުން ގެ ވަށައިގެން ބާރުތައް އެނބުރޭތަނެއް ނުފެނޭތަ...ހައގުތައް ކަށަވަތު ކޮށްދޭން...އެހެން މީހުން އުޅެނީ ކިހިނެއްތޯވެސް ބަލާނުލާ

 3. ސސ

  މީދެން ވަރަށް ހެއްވާ ތަނެއް މިމީހުން މައްސަލަވެސް މިމީހުން އަމިއްލަޔަށްބަލާ ހުކުމް ކުރާތަނެއް، ސޫމޯޓޯ މައްސަލަ ކުރިންބެލީ ސުޕްރިމްކޯޓުން މިއަދު މަޖިލިސްގެ އިދާރާ ސޫމޯޓޯ ކޮށްވެސް މައްސަލަބަލަނީ !