އެމްޑީޕީގެ އެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދުނު ކަމުގައި ވިޔަސް ގައުމީ މަސައްކަތުގައި ޕާޓީ ބައިބައިވެގެން ނުދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެފައި ވަނިކޮށް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ ހަސަން ލަތީފް ވިދާޅުވި ގޮތުގައި ސަރުކާރާއި އެމްޑީޕީއާ ދެމެދު ގުޅުން ވަނީ ހީނަރުވެފައެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ ދެބައިވާން ޖެހުނު ސަބަބަކީ ސަރުކާރުން އެ ޕާޓީގެ މައި ވައުދުތައް ފުއްދަން މަސައްކަތް ނުކުރުން ކަމަށެވެ. އަދި ސަރުކާރު ހިންގަނީ އެމްޑީޕީ އާއި އެ ޕާޓީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއްކައިރިކޮށްގެން ކަމަށް ހަސަން ވިދާޅުވިއެވެ.

އެ ބަހުސްގެ ތެރެއަށް ވަދެވަޑައިގެން ކުރެއްވި ޓްވީޓެއްގައި ޝިފާއު ވިދާޅުވީ "އުޅެއުޅެ" ވެސް އެމްޑީޕީ ބައިބައި ކޮށް ނުލެވުނު ކަމަށެވެ.

ޓްވީޓްގެ ތަފްސީލު ހިއްސާކުރައްވަމުން ޝިފާއު "ވަގުތު" އަށް ވިދާޅުވީ، ވާދަވެރި ފަރާތްތަކުން އުޅެނީ އެމްޑީޕީ އެތެރޭގައި ފިތުނަވެރިކަން އުފައްދާއި ބައިބައިވުން އޮތް ކަމަށް ދެއްކުމަށް ކަމަށް ޝިފާއު ވިދާޅުވިއެވެ. އެކަމަކު ރައްޔިތުންނަށް ހެވާއި ލާބައަށްޓަކައި އެމްޑީޕީ އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

"ގައުމީ މަސައްކަތުގައި އެމްޑީޕީ ދެބައެއް ނުވާނެ" ޝިފާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން އިސް ކުރާނީ ރައްޔިތުންގެ މަސްލަހަތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފަސް އަހަރުގެ ދައުރެއް ލިބެން ދޭން ޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެގެން ދިޔައީ، ރައީސް ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގައި ހިންގާ އިންކުއަރީއަށް ވަކިވަކި ސިފައިން ފޮނުވަން ޑިފެންސް މިނިސްޓްރީން ދެކޮޅު ހެދި ހިސާބުންނެވެ.

ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް ސޮއި ކުރައްވައި މި ގޮތަށް މަޖިލީހަށް ލިޔުން ފޮނުވުމާ ގުޅިގެން އިމްތިޔާޒު ކޮމިޓީއަށް ނަޝީދު ހުށަހެޅުއްވި މައްސަލައެއް ބޭރު ވެސް ކޮށްލިއެވެ.

މި މައްސަލަ ބޭރުކޮށްލީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިގެން އެމަނިކުފާނުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ލޮބީ ކުރައްވައިގެން ކަމަށް ނަޝީދުގެ ޕެކްޝަންގެ ބޭފުޅުން ވިދާޅުވެއެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެފައިވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހުށަހެޅުނު ނަޝީދަށް ހަމަލާ ދިން މައްސަލައަށް ފާރަވެރިވުމުގެ ގަރާރަށް އެއްވެސް ވަޒީރަކު ވާހަކައެއް ނުދައްކަވައެވެ.

މިއަށް ފަހު ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި ރައީސް ސޯލިހްގެ ސަޕޯޓަރުން ވަނީ މީސް މީޑިއާގައި ބަހުގެ ހަމަލާތައް ބަދަލު ކުރެވެން ފަށައިފައެވެ. އަދި އެމްޑީޕީ މިހާރު ދެބައިވި ކަމުގައި އެއްބަސްވެ އެ ވާހަކަ ދައްކަވަން ވަނީ ފައްޓަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސޭނުބޭ

    ބުއްޅަބޭ ހެދި ދޮގެއްގެ މައްޗަށް މުޅި ޤައުމުގައި ހުޅުޖެހީވެސް ތިހެން ކިޔާފައި

    14
  2. ތެދު

    ﷲއަށް އުރެދޭމީހުންގެ ނިމުން ހަމަހިތިވާ.

    17
  3. ގާޡީ

    ޤައުމައްޓަކާ މޑޕ ދެބައިވާންޖެހޭ. މޑޕ އައީ ފިތުނައުފައްދަމުން ޤައުމުބައިބައި ކުރަމުން ދީނައް ފުރައްސާރަކުރަމުން، މީހުނައް ހަޖޫޖަހަމުން މަލާމަތް ކުރަމުން، ޤައުމާދޭތެރެ ނުވިސްނާ. ވެރިކަމައްމުޑިނެގީ ޤައުމުބައިބައިކުރަމުން.

    11
    1
  4. ކޮރަލް

    އިތުރު ޕާޓީ އެއް ހެދީމަރަނގަޅު ވާނެ އެވެ.

  5. މަބޭ

    ގައުމައްޓަކާ އޭނުކިޔާ ތިބައިގަންޑު ހުރިހާކަމެއްވެަް ކުރަނީ އަމިއްލައެދުމުގަ ކަލޭމެން ގައުމުވިއްކާހުސްކޮއްފި ދެން އިތުރައް ގައުމޭނުކިޔާ

    12
    2
  6. ޞގކފ

    އެމްޑީޕީ ބައިބައި ކުރަން އެއްވެސް ބަޔަ ކުނޫޅޭ
    ތިބައިގަނޑު ވަނީއުފެދުމަގަވެސް ބައިބައި ވެފަ
    2023 ވަނަ އަހަރު ފެންނާނެ
    އަމިއްލަ އަށް ހަލާ ކުވެނިމޭނެ

    12
    1
  7. ބުއްޅަބޭ

    ދެބައިވެ ނިމިއްޖެ...ލޮލް ..ދެން ލަލަލާ

    12
    1
  8. ރާގޮޑިރާޖަ

    ޙުރިހާވެސް މައްސައަ ކީ ބޮޑުވަޒީރު ކަން ނުދީގެން. ޢަހަރެމެން ބޭނުމެއްނޫން ބީރުބޮލުވަޒީރެއް؟

    12
  9. އަބްސީ

    ޤައުމަށްޓަކާ ދެބައި ނުވާނެކަން އިގޭ، ފައިސާއާއި ވެރިކަމަށް ތިތަޅާފޮޅަނީ. ހީހީހަލާކު. އަމިއްލަ ދުލުން ތިބުނެވެނީ ތީ ރައްޔިތުންނަށްޓަކާ ހެދި އުޅޭބައެއްނޫންކަމަށް

  10. ޢިއްތިހާދު

    ގައު މައްޓަކައި ބޭރުކުރަންޖެހޭ ބައެއްތީ ސަރުކާރުގެ މަގާ މުތަކުން ގައު މައްޓަކައި ކުރެވުނީ ކޮންކަ މެއްތޯ؟ ގައު މުވެއްޓުނީ 40 އަހަރުފަހަތައް ބައިގަނޑެއްހެން މުޅިދައުލައްހިސޯރުކޮއް ދަރިދިންގެދަރިންގެ 3 ޖީލު ބޮލުގަ ބޮޑުދަރަނިތަކެއް އެޅުނީ ކަލޭ މެންރަނގަ ޅުވާނީ މަގު މަތީ ހަރަކާއްތަކައް ގައު މެއްގެ ހިންގާ އޮފީހެއްގެ މޮއްޕު ޖަހަންވެސް ބޭނުންނުހިފޭނެ ތައުލީ މުނެއްވާހަކައެއްނޫން ތީ މީހެއްގެ ވަޝާއެބުރޭ އެއްޗެއްވީ މަ ކޮބާވީ ވައުދުތައް އެވީތަނެއްއެގޭތަ.

  11. މާރިޔާ ބާރަށް

    ގައުމަށް ޓަކައި ބައިބައި ނުވިޔަސް ދީނައްޓަކައި ބައިވާނެ.

  12. ކަޅުއަލީ

    އިބޫއަށް އޮތީ ބޮޑުކޮށް ނޯނޯ، އަދި އެމްޑީޕީއަށް ދެންވޯޓް ދިނުން ނިމުނީ ބާއި

  13. ކަމަނަ

    ސިފާއު ދެން ނޮހޮވޭނެ އިހަވަންދޫ ދާއިރާއަކަށް ދެންކޮން ވާހަކައެއް އޮތީ ދައްކަން