ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކު ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލަން ވޯޓް ދިން ގޮތާއި އޭގެ ޗެޓް ލޮގް ލީކުކޮށްލި މައްސަލަ ސިއްރުން ބަލަން އެ ކޮމިޓީން ނިންމައިފިއެވެ.

ނަޝީދު ހުށަހެޅުއްވި މައްސަލައަކީ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ތުހުމަތުކޮށް ހުށަހެޅި މައްސަލައެކެވެ. މި ކޮމިޓީ ކުރިއަށް ދިޔައީ ސިއްރުންނެވެ. ސިއްރު ކޮމިޓީގައި ދައްކާ ވާހަކަ ހާމައެއް ނުކުރެވޭނެއެވެ.

މި ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފައި ވަނިކޮށް އެ ބައްދަލުވުމުގެ ވޯޓު އާންމު ކުރި މައްސަލަ ބެލުމަށް އެދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވަނީ މިދިޔަ ބުދަ ދުވަހު ކޮމިޓީއަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ. އެ މައްސަލަ ބަލަން ކޮމިޓީގައި ބައިވެރިވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާއިރު މިއަދުގެ ކޮމިޓީގައި ފާސްކޮށްފައި ވަނީ އެ މައްސަލަ ސިއްރުން ކުރިއަށް ގެންދިއުމަށެވެ.

ސިއްރުން ކުރިއަށް ގެންދިއުމަށް ފާސްވެފައި ވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ ވޯޓާ އެކުއެވެ.

މި މައްސަލަ ހުށަހެޅުއްވި ސަނީފާއި، ތާއީދު ކުރެއްވި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއަކީ ޒަމީލްގެ މައްސަލަ ބޭރުކޮށްލަން ވޯޓު ދެއްވި ދެ މެންބަރެކެވެ.

ނަޝީދުގެ ހުށަހެޅުއްވުން ކޮމިޓީން ބޭރުކޮށްލަން އެމްޑީޕީގެ ހަތަރު މެންބަރަކަށް ލޮބީ ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޅިޔަނު، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވެއެވެ.

މި ހުށަހެޅުއްވުން ބޭރުކޮށްލުމުން ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި އެމަނިކުފާނުގެ އަރިސް މެންބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވިއެވެ. މިއާއެކު އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނު ވެގެން ދިޔައެވެ.

ޒަމީލްގެ މައްޗަށް މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ތުހުމަތު ކުރެވުނީ، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ (241 ކޮމިޓީ) އިން ހިންގާ އިންކުއަރީއަކަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އަންގައި ޑިފެންސް މިނިސްޓްރީން ފޮނުވި ލިޔުމެއްގައި ޒަމީލްގެ ސޮއި އޮތުމުންނެވެ.

ޒަމީލްގެ މައްޗަށް އެ ދައުވާ އުފުލަދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ވެސް މަޖިލީހުގެ އިދާރާއިން އެދުނެވެ. އެކަމަކު، އެ މައްސަލަ ފުލުހަށް ހުށަހަޅަން ލަފާދީ، ޕީޖީން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.

ކޮމިޓީން ހިންގާ އިންކުއަރީއަކީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ އިންކުއަރީއެކެވެ. މިހާރު މި އިންކުއަރީއަށް ވަކިވަކި ސިފައިން ވެސް ދަނީ އެންމެ ފަހުން ހާޒިރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިރާސާ

    ބޭކާރު މައްސަލަ ބަލާ ފިޔަ ވަޅު އަޅާ ސަރުކާރު.ރައްޔިތުންނަށް ފައިދާހުރި އެއްކަމެއްވެސް ނު ވާ ސަރުކާރު.. އަބަދު ކޮންމެ ވެސް މީހަކަށް ފިޔަ ވަޅު ނޭޅިގެން އުޅެނީ.. މަގާމުތަކުގައި ތިބި އަސްލު އެމް. ޑީ. ޕީ މީހުން ކޮންމެ ކަމެއް ކުރިޔަސް ނުކުރޭނެ މައްސަލަ ބަލާކަށް..

  2. ޙޯރަ

    މި މަޖިލީހާއި ޖޭ އެސް ސީ އަކީ އަބަދުވެސް ކޮންމެވެސް މީހަކު ފަހަތުން ބިސްމަޅިދުއްވަން އުޅޭ ދެ ގުރޫޕް. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ