މީގެ 19 އަހަރު ފަހުން، ވެރިރަށް މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަތޮޅުގެ ޖުމްލަ އާބާދީއަށްވުރެ ބޮޑުވެދާނެ ކަމަށް އަންދާޒާކޮށް އެ ކަމުގެ އިޝާރާތެއް ފްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ދެއްވައިފިއެވެ.

މާލޭގައި މިހާރު ވެސް މުޅި ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއް ބަޔަށް ވުރެ ގިނައިން ދިރިއުޅެއެވެ. އޭގެ މައިގަނޑު ސަބަބަކަށް ވަނީ އާންމު ރަށްވެހިކަމުގެ ޚިދުމަތްތަކުން ފެށިގެން އާންމު ޒަރޫރީ ޚިދުމަތްތައް ވެސް ހަމައެކަނި މާލެއާއި މާލެ ކައިރި ސަރަހައްދުން ލިބުމެވެ.

"މި ވަގުތު މާލޭގެ އާބާދީ އިތުރުވަމުންދާ ގޮތާއި އަދި އަތޮޅުތަކުން މާލެއަށް ހިޖުރަކުރާ މީހުންގެ ރޭޓަށް ބަލާއިރު. 2040 އާ ހަމަޔަށް ދާން ވާއިރަށް މާލޭގެ އާބާދީ އަތޮޅު ތަކުގެ ޖުމްލަ އާބާދީއަށްވުރެ ކުރިއަރައިގެންދާނެ" އެލްޖީއީ އިން ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭނާ ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުމާ ގުޅޭގޮތުން ވާޗުއަލްކޮށް ކުރިޔަށް ގެންދާ ތަމްރީނު ޕްރޮގްރާމް ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ފާހަގަކުރެއްވި ގޮތުގައި މިހާރު ވެސް ރާއްޖޭގެ އާބާދީގެ 40 އިންސައްތައެއްހާ މީހުން ދިރިއުޅެނީ މާލޭގައެވެ. ކޮންމެ އަހަރަކުހެން މި ނިސްބަތް އިތުރުވަމުންދާ ކަން އަސްލަމް ފާހަގަކުރެއްވިއެވެ. ކޮންމެ އަހަރަކުހެން އެތައް އާއިލާއެއް އަތޮޅުތަކުން މާލެއަށް ދިރިއުޅުން ބަދަލުކޮށް ހިޖުރަ ކުރެއެވެ. މަތީ ތައުލީމު ހާސިލް ކުރަން ޖެހޭ ހިސާބުން ނޫނީ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއް އަދާ ކުރަން ނުކުންނަން ޖެހޭ ހިސާބުން ޒުވާނުން އަންނަނީ މާލެއަށެވެ.

ރާއްޖޭގެ އާބާދީގެ 40 އިންސައްތަ އަށްވުރެ ގިނަ މީހުން މާލެއަށް މާލޭގައި ދިރިއުޅެމުންދާއިރު އެ އެންމެންވެސް އަމިއްލަ ރަށް ދޫކޮށް މާލެ ބަދަލުވަނީ ތައުލީމާއި ވަޒީފާގެ ފުރުސަތުތައް އޮތީ މާލޭގައި ކަމަށްވާތީއެވެ. ތޮށްޖެހިގެން ދިރިއުޅެންވެސް ގިނަ މީހުންނަށް ވަރިހަމަވަނީވެސް މި ސަބަބާ ހެދިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އެ ރައްޔިތުން މާލެއަށް ހިޖުރަކުރީ މާލެއަށް އަތޮޅުތަކުގައި އުޅެން ޖެހޭ ދަތި ހާލުގެ ސަބަބުންނެވެ.

"ދަތި ހާލުގައި އުޅޭ އަތޮޅުތަށް ވަރަށް ބައިވަރު" އަތޮޅުތަކުން މާލެއަށް މީހުން ހިޖުރަކުރަމުގާއި ގުޅޭ ގޮތުން އަސްލަމް ވިދާޅުވިއެވެ.

މިއީ އެތައް ޒަމާނުއްސުރެ ހައްލުނުވެ ދިގުލައިގެން ގޮސްފައިވާ އޮތް ކަމަކަށް ވާތީވެ އެކަން ބަދަލުކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ސަރުކާރުގެ ދުރު ރާސްތާގެ ޕްލޭންގެ ތެރެއިން އެކަމަށް ހައްލެއް ގެނައުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. މިވަގުތު ކުރެވެމުންދަނީ ކޮން މަސައްކަތެއް ކަމެއް އަސްލަމް ވިދާޅެއް ނުވެއެވެ.

މާލޭގެ ތޮއްޖެހުމާއި ކުލި ކުޑަކުރުމަށް ސަރުކާރުގެ މައި ސިޔާސަތަކީ މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަން އިތުރުކޮށް މާލެ ސަރަހައްދުގައި ޑިމާންޑް ކުޑަ ކުރުމުގެ ގޮތުން އެހެން ސަރަހައްދުތައް ތަރައްގީ ކުރުމެވެ.

އެހެން ނަމަވެސް އެކަމަށް އަމަލީ ގޮތުން މާ ބޮޑު މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. އަދި ވެސް މާލެ ސަރަހައްދުގައި ގިނ މަޝްރޫއުތަކެއް ހިންގާތީ ގިނަ ބަޔަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގަލަން ތުނޑުވވ

    ބަލަ ބޭފުޅާ އަތޮޅުތަކުގެ އާބާދީވެސް އިންޝާ ﷲ އިތިރުވާނެ އަންހެނުން ދަރިމައިވެ އަދި ވިހާނެ އިރާދަކުރެއްވިއްޔާ ..އޭގެ ބަދަލުގަ މާލޭގަ ވިހާރޭޓް އެހާތަނަށް ދާއިރު ދައްވާނެ ..އެއީ ޚަރަދުތައް ބޮޑުވެ އުޅޭނެތަންތަން ނެތީމަ

  2. ހަހަހަހަހަހަ

    ބޮޑު ނުވީޔާދެރައެއްނު ރަށުގައޮތް ބިންކޮޅު ގެސްޓްހައުސްއަކައް ހަދާފަ އައިސް މާލެ ދަފްތަރުގަ ޖެހިގެން ހުޅުމާލެ ބިމެއް ހޯދާފަ ނުވީތާކައް ގުޅީފަޅު ބިން ވެސް އެމީހުންނައް ވިއްޔަ. ދެން އެވީ މާލެ މީހަކައް އޭރުން.

  3. ޖޯޑު

    ތިޔަޖެއްސެވި ހިސާބުގެ އަސްލަކީ މިއީ. ކުރިޔަށް އޮތް 20 އަހަރުދުވަހުތެރޭ ދިވެހިރާްއްޖޭގެ ޖިއޯ އޭރިއާ ބޮޑުމިނަކީ ކ އަތޮޅު އެކަންޏެވެ. އެހެންކަމުން ގުޅީފަޅު ފޭސް 2،3 ނިމޭއިރު މުޅިރާއްޖޭ އެންމެން ކ އަތޮޅަށް ގަދަކަމުން މައިގްރޭޓް ކުރެވޭނެއެވެ. އަދި ހުރިހާއަތޮޅުތައް ދުނިޔޭގެ މަހުޖަނުންނަށް ވިއްކާލެވޭނެއެވެ. 2045 ގައި މިރާއްޖެ(ކއަތޮޅު) ވެގެންދާނީ ލިޓްލް ނިއުޔޯކަށެވެ. ނަމަވެސް މިހާހިސާބުން ރާއްޖެ ނިމުނީއެވެ. މިވަންކަން ހެލިހެލިއޮތް ދަތަކަށްވީއެވެ

  4. ބަރުގޮނު

    އޭރަށް މާލޭ ސަރަޙައްދުގައި އޮންނާނީ ފްލޯޓިން ސިޓީތަކެއްނޫންތަ.؟ މީހުން ދިރިއުޅޭނީ ކަނޑުގެ ލޮނުގަޑު މަތީގައި އުހުލިފައި ހުންނަ އަވަށްތަކެއްގައެއްނޫންބާ... އެކަމުގެ ޕްލޭން ކުރާ ވާހަކަ އަސްލަމް ދެއްކެވި.