އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ދައުވާ އުުފުލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާތީ މަގާމުން އެކަހެރިކުރި ޔޫތް މިނިސްޓްރު އަހުމަދު މަހްލޫފްގެ ބަދަލުގައި އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާ ހަވާލުކޮށްފިއެވެ.

މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމާ ގުޅިގެން ޕީޖީން އެ ކަމުގައި ގޮތެއް ނިންމަވަން ދެން މަގާމުގެ މަސައްކަތުން އެކަހެރިވާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވައިފައެވެ.

މަހްލޫފް އެކަހެރިކުރުމުން މިނިސްޓްރީގެ ހިންގުން ކުރިއަށް ދަނީ ކިހިނެއްތޯ "ވަގުތު" އިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ވުޒާރާގެ ހިންގުން ހަވާލުކުރައްވާފައިވަނީ ޓޫރިޒަމް މިނިސްޓަރާ ކަމަށެވެ.

މިނިސްޓަރު މައުސޫމްއާ އެ ވުޒާރާގެ ހިންގުން ހަވާލުކުރައްވާފައި ވަނީ މަހްލޫފް މަގާމުން އެކަހެރި ކުރުމުގެ ކުރިންނެވެ.

އެނގިފައިވާ ގޮތުން މަހްލޫފް ހުންނެވީ ޗުއްޓީ ދަތުރެއްގައި ދުބާއީގައެވެ.

ހިޔާނާތުގެ ދައުވާ އުފުލަން އޭސީސީން ޕީޖީއަށް ފޮނުވުމުން މަހްލޫފް ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ހިޔާނާތުގެ މައްސަލާގައި އޭނާއާ މެދު އަމަލުކުރަމުން ދަނީ ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތުގައި ކަމަށެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި އޭނާ އަށް ތުހުމަތު ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެ މަގާމުން ދުރު ކުރުމުގެ ބޭނުމުގައި ކަމަށެވެ. މި މައްސަލައިގައި ދެން އަނގަ ބަންދުކޮށްގެން ނުހުރެވޭނެ ކަމަށްވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން މަހްލޫފް ވިދާޅުވެފައިވަނީ ހިޔާނާތުގެ ދައުވާ އުފުލައިފިނަމަ އިތުރަށް އެންމެ ދުވަހަކުވެސް މަގާމުގައި ނުހުންނަވާނެ ކަމަށެވެ.

ފުލުހުންނާއި، އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ޖޮއިންޓް ތަހުގީގަށް ފަހު އޭސީސީން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން ޕީޖީ އޮފީހަށް ފޮނުވީ މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް އުފުލުމަށެވެ.

މަހްލޫފްގެ މައްޗަށް ކުރަން ފޮނުވި އެއް ދައުވާއަކީ ސަރުކާރުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ. ދެވަނަ ދައުވާއަކީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާއެވެ.

މަހްލޫފްގެ މައްޗަށް ދައުވާ އުފުލުމާ މެދު ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނުނިންމައެވެ.

ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ

އޭސީސީގެ ބަޔާނުގައިވާ ގޮތުން، މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރަން ފޮނުވަން ނިންމީ ސަރުކާރާ އެއްކޮޅަށް މަޖިލީހުގައި ބިލެއް ފާސް ކުރުމަށް އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު އެސްއޯއެފް އެކައުންޓުން ޖަމާކޮށްފައިވާ ކަން ތަހުގީގަށް ފާހަގަވެގެންނެވެ.

މި ފައިސާ މަހްލޫފްގެ އެކައުންޓަށް ޖަމާކުރިއިރު އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައެވެ.

އޭސީސީގެ ބަޔާނުގައިވާ ގޮތުން، މަޖިލީހުގައި ނެގުނު ވޯޓަށް ފަހު ޚިޔާނާތުގެ މޭސްތިރިޔާ ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެމެދު ބަދަލުކޮށްފައިވާ މެސެޖްތަކުންނާއި މަހްލޫފްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ތާރީޚުން އެއީ ޚިޔާނާތުގެ ފައިސާ ކަން ތަހުގީގަށް ފާހަގަވާން އޮތް ކަމުގައެވެ.

މި ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ ގާތްގަނޑަކަށް ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދޮގު ބަޔާން ދިން ކަމުގެ ކުށުގެ ދައުވާ

އޭސީސީގެ ބަޔާނުގައިވާ ގޮތުން، ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވަން ނިންމީ އޭނާއަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ލިޔެކިއުންތަކެއް ހުށަހެޅުމުންނެވެ.

މި ގޮތުން އޭސީސީއަށް މަހްލޫފް ހުށަހަޅާފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމަކާއި، އެ ޑޮލަރަށްވާ ފައިސާ ނަގުދު ފައިސާއިން އެސްއޯފްއާ ހަވާލުކޮށްފައިވާނެ ކަމަށް މަހްލޫފް އެ ކޮމިޝަނަށް ފޮނުވި ސިޓީއަކީ ހަގީގަތް އޮޅުވާލުމަށް ޓަކައި ކުރި ކަމެއް ކަން ތަހުގީގަށް ފެންނަން އޮތް ކަމުގައިވެއެވެ.

ރަސްމީ މަގާމެއްގައި ހުންނަވައިގެން ތަހުގީގީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވިއިރު، ގާނޫނުލް އުގޫބާތުގައިވާ ގޮތުން މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ.

މި ކުށުގެ އަސާސީ އަދަބަކީ، ގާނޫނުލް އުގޫބާތުގައިވާ ގޮތުން، ހަ މަސް ދުވަހާއި އެއް އަހަރު ދުވަހާ ދެމެދެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު

    ކިއްވެބާ މިފަހަރު ބުރޯއާ ހަވާލު ނުކުރީ؟

    • ޝިއު

      ކަމެއް ނެތިފަ ހުރިމީހަކާ ދޯ ހަވާލް ކުރެވޭނީ

  2. މުބީނު މާރނީ

    މިފަހަރު އުންސުރު ހަމަ ނުވެއްޖެ ނަމަ އިބޫ ވެރިކަމުން ބޭލުމަކީ ވަރަށް ކައިރީގައި އޮތް ކަމެއް. ރައްޔިތުން ކެތް ކުރާނީ ވަކި ވަރަކަށް. އަމީނު އަށް 4 މަސް ދުވަހު މުސާރަ ދީފަ ބުނީ އުންސުރަ ހަމައެއް ނުވިޔޭ. ޢަލީ ވަޙީދު ވީ ރާއްޖެ އެއް ވެސް ނޭންގެ. މަޙްލޫފު އަށް އުންސުރު ހަމަ ނުވެއްޖެ ނަމަ ވާނުވާ ނޭންގޭ 3 މިނިސްޓަރުންވީ. ރައްޔިތުން ކެތް ކުރާނީ ވަކި ވަރަކަށް.

    1
    1
  3. ބަޝީރު

    ތިޔަ މިނިސްޓްރީ އޮއިކޮޅުން ތިޔަ އޮޔާދިޔައީ...

  4. ނަޖޫ

    އެއް މިނިސްޓްރީ ނުހިންގިގެން އުޅެނިކޮށް އަނެއް މިނިސްޓްރީއެއް މި ހަވާލުކުރީ. ސާބަސް