ކޮރަޕްޝަނު ތުހުމަތުކޮށް، ފެނަކަ ކުންފުންޏަށާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުއާ ގުޅޭ ގޮތުން މީސް މީސްމީޑިއާގައި ހަބަރު ފަތުރާ މައްސަލަ ބަލައި ދިނުމަށް ފުލުހަށް ހުށައަޅައިފިއެވެ.

މީސް މީޑިއާގައި ހިންގަމުން އަންނަ "އެމްވީ ކްރައިސިސް" އިން ސައީދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށް ބުނެފައިވަނީ އޭސީސީން ފެނަކައިގެ ކޮރަޕްޝަން މައްސަލަ ތަހުގީގު ކުރަން ފެށުމާއެކު އޮފީސްގައި ހުރި ކޮރަޕްޝަންއާ ގުޅުންހުރި ލިޔެކިޔުންތަކެއް ނައްތާލަމުންދާ ކަމަށެވެ.

ކުރެވޭ ތުހުމަތުތައް ބަލައި ދިނުމަށް އެދި ފެނަކައިން ފުލުހަށް ފޮނުވާފައިވާ ސިޓީއެއް ވަނީ "ވަގުތު" އަށް ލިބިފައެވެ.

ފެނަކައިގެ ޑިރެކްޓަރު މުހައްމަދު އަރިފް ސޮއިކުރައްވާ ފުލުހަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވީ، ހިޔާލު ފާޅުކުރުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ގާނޫނީ ނިޒާމުގެ ތެރޭގައި ލިބިދީފައި އޮންނަ އޮތުމަކީ، އާންމު ފަރުދުންނާއި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތައް ހިންގަން ތިބި އިސް ފަރާތްތަކުގެ އަބުރު ކަތިލައި އަގު ވެއްޓޭގޮތަށް އަމަލު ކުރުމަށް އެއްވެސް ރައްޔިތަކަށް ލިބިދީފައިވާ އިހްތިޔާރީ ހައްގެއް ނޫންކަމުގައި އެ ކުންފުނިން ދެކޭ ކަމަށެވެ.

އަދި "އެމްވީ ކްރައިސިސް" އިން ފަތުރާ ހަބަރުތަކުގެ ސަބަބުން ކުންފުނީގެ ގަދަރާއި ކަރާމާތައް ނުހަނު ބޮޑު ގެއްލުމެއް ލިބޭ ކަމަށްވެސް ސިޓީގައިވެއެވެ.

"އެފަދަ ކަންކަމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގެ އިންތަކާއި އުސޫލުތަކުން ބޭރުން ކުރެވޭ ކަންކަން ކަމުގައި މި ކުންފުނިން ދެކެން" ފެނަކައިން މިއަދު ފުލުހުންނަށް ފޮނުވި ސިޓީގައިވެއެވެ.

އާއްމު ރައްޔިތުންގެ މެދުގައި އެ ކުންފުންޏާ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ފިތުނަ ފަސާދައަށް ޖާގަދެވި އާންމު މުޖުތަމައުގެ މަސަލްހަތަށް ބުރޫއަރާ ހިސާބަށް އެކަން ގޮސްފައިވާތީވެ ފުލުހުންގެ ސަމާލުކަމަށް ފެނަކައިން ވަނީ އެކަން ގެންގޮސްފައެވެ.

މައްސަލަ ވީހާވެސް އަވަހަށް ބަލައި އެކަމުގައި ޝަމިލްވާ ފަރާތްތަކަށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ދިނުމަށް ފެނަކައިން ވަނީ ފުލުހުގައި އެދިފައެވެ.

ސައީދު، ޕްރޮކިއުމަންޓް ޕްރޮސީޖާއާ ހިލާފަށް ތެޔޮ ގަތުމާ ގުޅޭ މައްސަލަތަކަކާއި މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިން ކަމުގެ މައްސަލަތަކެއް އޭސީސީން ދަނީ ބަލަމުންނެވެ. ނަމަވެސް އެ ކުންފުންޏާ މެދު ކުރެވިފައިވާ ތުހުމަތުތަކަށް ފެނަކައިން ދޮގުކުރިއެވެ. އެ ކުންފުނިން ބުނީ ކޮރަޕްޝަންގެ އިނގިލި ދިއްކުރަނީ ހަސަދަ ފިލުވަން ކަމަށެވެ.

ސައީދު "ވަގުތު" އަށް ވިދާޅުވީ، އޭނާއާ ގުޅުވައި ފަތުރަމުން ދަނީ ދޮގު ވާހަކަތައް ކަމަށެވެ.

" އެއްވެސް އިރެއްގައި ވައްކަމެއް ކޮށްފައެއް ނޯންނާނެ" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ވާހަކަތައް ފަތުރަމުން ދަނީ ފެނަކައިގެ މަގާމުގެ ދަހިވެތިކަމުގައެވެ.