މާލޭގެ މިސްކިތެއްގެ ތެރޭގައި މަސްތުވެގެން ހުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ވިދާޅުވީ، އެ މީހާ ހައްޔަރު ކޮށްފައިވަނީ ރޭ 11:35 ގައި ވިޔަފާރިވެރިންގެ މިސްކިތުން ކަމަށެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ފަހުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިސްކިތުގައި މަސްތުވެގެން ތިބި 15 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މި މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ.

މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި، އެތަނުގައި ނިދާ، އެއްޗެހި ދޮވެ، މިސްކިތްތައް ބޭނުން ކުރަން އެކަށީގެން ނޫން އެހެނިގެން ބޭނުންތަކުގައި މިސްކިތްތައް ބޭނުން ކުރާކަމުގެ ޝަކުވާތައް ތަކުރާރުކޮށް ލިބެމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ވަންނާނެ ގެދޮރެއް ނެތި، މިސްކިތްތަކުގައި ނިދާ 80 މީހަކު މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ވިދާޅުވެފައެވެ.

އެންމެ ބޮޑަށް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ފާހަގަކުރެވިފައި ވަނީ ވިޔަފާރިވެރިންގެ މިސްކިތާއި، ޖަލާލުއްދީން މިސްކިތުގެ އިތުރުން ފުރުގާން މިސްކިތް ކަމަށް ޑރ. ޒާހިރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަނީމަނީ

    15 މަދު 45 ދުވަސް ޖަހާބަލަ