އިސްލާމްދީނާއި ހިލާފަށް އުޅޭ މީހަކާއި ދިމާއަށް އެއީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހެކޭ ބުނުމަކީ ޖިނާއީ ކުށެއް ގޮތަށް ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ތާއީދު ނުކުރައްވާ ކަމަށް ނ.މަނަދޫ ކައުންސިލުން ހާމަ ކޮށްފިއެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތު އިސްލާހު ގެނައުމުގެ ބިލު މި މަހުގެ 15 ވަނަ ދުވަހު ވަނީ މަޖިލީހަށް ބަލައިގަނެފައެވެ.

މި ބިލު ފަރުމާ ކޮށްފައިވާގޮތާއި ގުޅޭގޮތުން ކައުންސިލްތަކުން ބަޔާން ނެރެމުންދާއިރު، މަނަދޫ ކައުންސިލްގެ ހުރިހާ މެމްބަރު ވަނީ ބިލާއި ދެކޮޅު ކަމަށް ބުނެފައެވެ. މަނަދޫ ކައުންސިލަކީ ޕީޕީއެމް މެޖޯރިޓީއެއް އޮންނަ ކައުންސިލެއް ނަމަވެސް، އެމްޑީޕީގެ ދެ މެމްބަރުން ތިއްބަވައެވެ.

ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ބިލުގައި ރައްޔިތުން ކަންބޮޑުވާފަދަ ގިނަ އިސްލާހުތަކެއް ހިމެނިފައިވާކަން އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ވެސް ވަރަށް ބޮޑަށް ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

އެބަޔާނުގައި ބުނެފައިވަނީ މި ބިލުގެ ސަބަބުން އިސްލާމީ ޝަރީއަތުގެ އެންމެ މުހިންމު އެއް އަސާސް ކަމުގައިވާ ހެޔޮކަންކަމަށް އަމުރު ކުރުމާއި މުންކަރާތްތައް ނަހީ ކުރުމުގެ ދޮރު އެކީއެކަށް ބަންދު ކުރެވިގެން ގޮސްފާނެ ކަމުގައި ދީނީ އިލްމުވެރިން ދެކޭ ކަމަށެވެ.

"އެހެން ކަމުން ދީފީ އެފަދަ މުހިންމު ވާޖިބަކަށް ހުރަސް އެޅޭ ފަދަ ގޮތަކަށް ޤާނޫނެއް ވުޖޫދު ވެގެން އައުމަކީ، އިސްލާމް ދީނާ ހިލާފު އެއްވެސް ޤާނޫނެއް ނުހެދުމަށް ރާއްޖޭގެ ޤާނޫނުއަސީސާިގެ 10 ވަނަ މާއްދާގެ (ށ) ލާޒިމު ކުރާ އުސޫލާ ހިލާފަށް ކުރެވޭ އަމަލަކަށް ވާނެ ކަމަށް މި ކައުންސިލުނެ ދެކެމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

މަނަދޫ ހިމެނޭހެން ގިނަ ރަށްތަކެއްގެ ކައުންސިލުން ބިލާއި ދެކޮޅަށް އަންނަނީ ބަޔާން ނެރެމުންނެވެ. އެގޮތުން މި ބަޔާންތަކުގައި ވަނީ އެ ބިލުގައި ކަންބޮޑުވާ އެތައް ކަމެއް ހުރިކަން ފާހަގަކޮށް، ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލަކީ "ލާދީނިއްޔަތު" ފެތުރޭ ގޮތަށް އޮތް ބިލެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ހިސާން ވިދާޅުވީ އެ ބިލު ފަރުމާ ކޮށްފައި ވަނީ އިސްލާމީ ޝަރީއަތަށާއި އިސްލާމީ އިމާމުންގެ އިރުޝާދުތަކަށް ރިއާޔަތްކޮށްގެނެވެ. އެކަމަކު ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތް ކުރާ ކަމަށް ހިސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ޝުކުރިއްޔާ ކައުންސިލްގެ މެމްބަރުން. ސާބަހޭ ދަރިފުޅުމެންނޭ.
    ޞަބީޙަކީ ކުރީ ދައުރުގައި ވެސް ނަތީޖާ ނެރެދިފައި ހުރި ކުއްޖެއް. އެމްޑީޕީގެ ގިނަ މެމްބަރުން ވެސް ޞަބީޙަަށް ތާއީދު ކުރަނީ ކަމެއްވެ. ވާހަކަ ދެއްކޭ. ދޫހެލޭނެ. ސީދާ ޢަމަލުން ކަންކޮށްފައި ދައްކާލާ ހިތްވަރު ހުރި ދަރިއެއް. މިޤައުމުގެ މިހާރުގެ ވަލިއްޔުލް އަމުރު އޮންނާނީ ބަސް. ޢަމަލެއް ނޯންނާނެ. ވަލިއްޔުލް އަމުރު ޞަބީޙްމެން ކައިރިން ނޭނގެންޏާ ދަސްކުރޭ. ބަހާއި ޢަމަލު އެއްގޮތް ކުރަން. ލާދީނީ ބިލަށް ނޫނެކޭ ބުނެލިގޮތަށް އިންޑިޔާ އަށް ބައިއެޅުމާއި ދެކޮޅަށް ވެސް ތެދުވަން އެބަޖެހޭ ކައުންސިލްތައް.

  2. ލާލާލާ ދީނީ ނޫން މީހާ

    އެކުދިން ވެސް އެބުނަނީ އެހެން. ހިސާން ކިތަންމެ ލޯބިވާ މީހަކަށް ކަމެ އް ކޮށްދޭން އުޅުނަސް ހަމަ އެބުނަނީ އެހެން

  3. ސޮއި

    ހަމަ ހޭގައި ތިބި ބަޔަކު އެބިލައް ތާއީދު ނުކުރާނެ.
    ޕާޓީއާއި ކުލަޔަށްވުރެ ދީނާއި ގައުމު މުހިއްމުކަން ދެއްކި ފަހްލަވާނުންނަށް ޝުކުރިއްޔާ.

  4. ވަތަން

    ހިސާން ބުނަނީ ލަވްޔޫ ކިޔުމުގެ ބަދަލުގަ ދެން ކިޔާނީ ލާދީނީއޭ

  5. ހުދުކާޅު

    ލާދީނީ ނޫން އެންމެން އެމްޑީޕީ ދޫކޮށްލަންވީ ވަގުތު މިހާރު މިއޮތީ. މިވަގުތުގައި އަވަހަށް އެޕާޓީ ދޫކޮށްލަންވީ.

  6. އަހްމަދު

    ޝުކުރިއްޔާ. ނަމޫނާ މެމްބަރުން ކޮޅެއް. ހެޔޮގޮތް މިންވަރުކުރައްވާށި