ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ދެކޮޅަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ބައެއް ގާނޫނީ ވަކީލުން ތައްޔާރު ކުރަމުން ދިޔަ ޕެޓިޝަންގެ މަސައްކަތް ހުއްޓާލަން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަހުގެ ފަސް ވަނަ ދުވަހު ގާނޫނީ ވަކީލުން އެ ޕެޓިޝަން ތައްޔާރު ކުރަން ފެށީ ސިޔާސީ ސަބަބުތަކަށްޓަކައި ހައްޔަރު ކޮށްފައިވާ ނުވަ މީހަކު ވަގުތުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒުކުރަން ބަންޑާރަ ނައިބު އަނިލް ދެކޮޅު ހެއްދެވި ކަމަށާއި އެއީ ގާނޫނާ ހިލާފު އަމަލެއް ކަމަށް ބުނެއެވެ.

ނަމަވެސް އެ ޕެޓިޝަންގެ މަސައްކަތް ހުއްޓާލާފައި ވަނީ ވަޒީފާއިން ވަކި ކޮށްފާނެތީ ކަމުގެ ބިރަށްޓަކައި ކަމަށް މިހާރު ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމާ ބެހޭގޮތުން މީގެ ކުރިން އަނިލް ވިދާޅުވެފައިވަނީ އެ ހުކުމާ ގުޅޭ ގޮތުން ސަރުކާރުގެ ކަންބޮޑުވުންތަކެއް ހުރި ކަމަށާއި އެކަން ހައްލު ކުރުމަށް އުއްތަމަ ފަނޑިޔާރާ ވާހަކަ ދެއްކުމަށް ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށެވެ. އަދި ސިފައިންނާއި ފުލުހުން ވިދާޅުވީ ހުކުމަށް އަމަލު ކުރާނީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ކަމަށެވެ.

އެފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ހައްޔަރުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީހާ

    ޔަޤީން

  2. އިބޫ

    އެކަން ކުރި އެންމެން ވަގުތުން އިސްތިއުފާދިނުމަށް މިގޮވާލަނީ އަދި އެޓާރނީއަށް މިއަންގަނީ އެމީހުން ވަޒީފާއިން ވަކިކުރުމަށް ... ދެން ސަބަބުދެއްތޯ ސަބަބަކީ ބައެއްގެ ނުފޫޒުން ކޮރަޕްޝަންގެ ނުހަނު ގިނަ މައްސަލަތަކެއް ޔަޤީނާ ގާތަށް ހާމަވާން ހުރިކަމެއްގައި އަދި އެފަދަ ހުކުމްތަކަކަށް އެހުކުމްތަށް ވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުގެ އެންމެހާ މުއަށްޒަފުން ވާންވާނީ ވަރަށް ހިކުމަތްތެރި އަދި ވިސްނުންތެރި އަދި ކެއްތެރި ބަޔަކަށް .... ބަޔަކު ޖަހާހާބެރެކަށް ނަށާބަޔަކަށް ވެގެންވާނޭ ބައެއްނޫން.. ވަރަށް ސަލާމް..