ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގައި ހިންގަމުންދާ އިންކުއަރީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ހާޒިރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް މާރިޔާ މިއަދު ހެނދުނު ހާޒިރުވެވަޑައިގެންނެވިއިރު އެކަމަނާގެ އަރިހުގައި ސިފައިންގެ ބައެއް ބޭފުޅުން ވެސް ތިއްބެވިއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު އެމަނިކުފާނުގެ ސަޕޯޓަރުންގެ އެންމެ ބޮޑު ފާޑުކިއުމެއް ވެސް އަމާޒުވެފައިވަނީ މިނިސްޓަރު މާރިޔާއަށެވެ.

އެއީ މާރިޔާއަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ފަރާތުން ރައީސް ނަޝީދަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގަތުމަށް ފަހު ވެސް މާ ގިނަ ފިޔަވަޅުތައް އަޅުއްވާފައި ނުވާ ކަމަށް ބުނެއެވެ.

މިނިސްޓަރު މާރިޔާއަށް އިތުރު ފާޑުކިއުންތައް އަމާޒުވެގެން ދިޔައީ މަޖިލީހުގެ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ކުރަން ދެކޮޅު ހެދި ހިސާބުންނެވެ. އެކަމަކު ފަހުން ވަކިވަކި ސިފައިން ވެސް އިންކުއަރީއަށް ހާޒިރުކޮށްފައިވެއެވެ.

ސިފައިންގެ ޗީފްއާއި ވައިސް ޗީފްއާއި ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ އިސް ސިފައިންނާއި، ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ އިސް ކޮމާންޑަރުންނާއި، ކްލޯސް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިސް ކޮމާންޑަރުންގެ އިތުރުން ރައީސް ނަޝީދުގެ ބޮޑީގާޑުންނާއި ޑްރައިވަރުން ވެސްް ހާޒިރުކޮށްފައިވެއެވެ.

މީގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއާއި، ފުލުހުންގެ ތަހުގީގުގެ އިސް އޮފިސަރު އަދި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވެސް ހާޒިރުކޮށްފައިވެއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްއާއި ޑެޕިއުޓީ ގަވަރުނަރު އަހްމަދު އީމާދުއާއި، ފިނޭންސް އިންޓެލިޖެންސް ޔުނިޓްގެ ވެރިޔާ ވެސް އިންކުއަރީއަށް ހާޒިރުކޮށްފައިވާއިރު، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ހާޒިރުކޮށްފައިވެއެވެ.

މި މައްސަލައަށް ފަހު، ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދި، އެމްޑީޕީގެ އެތެރޭގެ މަސްރަހު ވެސް ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައިވެއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަންޑު ދިން މީހުން ހޯދުން ވެސް ލަސްވެ އެމަނިކުފާނުގެ ސަޕޯޓަރުންނާއި އަރިސް މެންބަރުން ގެންދަވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިސާނު

    މި ކޮމިޓީއަށް އަތޮޅުތެރޭ ރަށްރަށުގެ ޕްރައިމަރީ ޓީޗަރުންނާ ނާސަރީ ޓީޗަރުން ހާޒިރުކުރަނީ ކޮންއިރަކުންތޯ އޭރުން ތި ތަހުގީގު ފުރިހަމަވާނީ.
    ލަދުން ބޯ ހަލާކު