ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހާއްސަ ފިޔަވަޅުތަކުގެ ދަށުން މި މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ސަރުކާރު އޮފީސްތައް ބަންދުވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މޭއި މަހުގެ 5 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު، މިމަހުގެ 29 ގެ ނިޔަލަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް އިތުރުކުރައްވާފައިވާ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިބެގެން ކުރެން ހުރި މަސައްކަތްތައް ކުރަމުން ގެންދިއުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށް އަންގާފައި ވެއެވެ.

އަދި ސަރުކާރުގެ އިދާރާތަކުން ދޭ އަސާސީ ޚިދުމަތްތައް ދިނުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށް އަންގާފައި ވެއެވެ.

މާލެ ސަރަހައްދުގެ ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުންކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން މި މުއްދަތުގެ ތެރޭގައި އެޗްޕީއޭއިން އަންގައި އެންގުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންވުމަށާއި އެ އެޖެންސީންދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.