މާލޭގެ މިސްކިތްތަކުގެ އެތެރޭގައި ކުށުގެ އެކި ބާވަތުގެ އަމަލުތައް ކުރުން އާންމު ކަމަށް ވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ފާހަގަކޮށްފައި ވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ކަނޑައަޅާފައިވާ ފުރަބަންދުގެ ތެރެއިން މިސްކިތްތައް ބަންދު ކޮށްފައި ވަނިކޮށް ބައެއް ފަރާތްތަކުން މިސްކިތްތަކުގެ ގަދަރާއި ހުރުމަތް ކެނޑޭ ފަދަ ވިޔާނުދާ ކަންކަން ހިންގާފައިވާ ކަމަށެވެ.

މި ގޮތުން މިސްކިތްތަކުގައި މަސްތުވާތަކެތި ވިއްކުމާއި އެ ތަކެތި ބޭނުން ކުރުމުގެ އިތުރުން، އެފަދަ އެ ފަރާތްތަކުން މިސްކިތުގައި ނިދުމާއި ފެންވެރުމާއި ކައިބޮއި ހެދުން ފަދަ ކަންކަން ކުރަމުންދާ ކަން މައްސަލާގައި ފާހަގަކޮށްފައިވެއެވެ. އަދި ދާދި ފަހަކުން ހުޅުމާލޭގެ މިސްކިތެއްގައި އަޚްލާގީ ގޮތުން ދަށް ބަހުރުވަ ބޭނުން ކުރުމާއި މާރާމާރީ ހިންގާފައިވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.

މިސްކިތްތައް ބެލެހެއްޓުން މިހާރަށް ވުރެ ހަރުދަނާ ކުރުމަށާއި މިސްކިތްތަކުގައި ހިންގާ ހަޑިމުޑުދާރު އަމަލުތައް ވަގުތުން ހުއްޓުވުމަށާއި މިސްކިތުގެ ގަދަރު ކުޑަވާ ފަދަ އަމަލުތައް ހިންގަމުންދާ ފަރާތްތަކަށް ނަސޭހަތްތެރި ވުމަށާއި އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށް އޭގައިވެއެވެ.

މިސްކިތްތަކުގެ އެތެރޭގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުގެ ހާލުގައި މީހުން ތިބޭ މަންޒަރުތައް ހިމެނޭ މައްސަލަތައް އިތުރުވެފައިވާއިރު އާންމުންގެ ގިނަ ބަޔަކު ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ދާދި ފަހުން ހުޅުމާލޭގެ މިސްކިތެއްގައި ދެ މީހަކު އެކަކު އަނެކަކަށް އަވަގުރާނަ ގޮވައި މަރާމާރީވެސް ހިންގައިފައެވެ. މި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.