ނަފުރަތުގެ އަމަލުތައް ތަފްސީލްކޮށް ބަޔާން ކުރުމަށް ކަމަށް ބުނެ ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ ބަސްމަގު އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލާ މެދު އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ބިލުގެ ފުރަތަމަ ދެ މާއްދާއަށެވެ.

ބިލުގެ ފުރަތަމަ މާއްދާގައި އޮތީ އިސްލާމް ދީނާ ޚިލާފަށް އުޅޭ ކަމަށް މީހަކުގެ މައްޗަށް ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. އެހެން އޮތުމުން ޚިޔާލު ފާޅު ކުރުމަށާއި ދީނީ ނަސޭހަތް ދިނުމަށް ހުރަސް އެޅިދާނެ ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.

ބިލު ދިރާސާ ކުރަމުންދާ ޖުޑިޝަރީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ސިރާޖް ވިދާޅުވީ އޭނާއަށް ވެސް ބިލުގެ ފުރަތަމަ ދެ މާއްދާ އޮތް ބަސްމަގު ކަމު ނުދާ ކަމަށެވެ. އެއީ ގައިމު ވެސް ބިލަށް ގެންނަން ޖެހޭ އިސްލާހެއް ކަމަށެވެ.

"އަޅުގަނޑަށް ވެސް މި ކަމަކު ނުދޭ، އިސްލާމީ މުޖުތަމައެއް މިއީ، މުންކަރާތްތައް ނަހީ ކުރެވެން ޖެހޭނެ، އެ އިސްލާހު ގެންނަން ޖެހޭނެ،" ސިރާޖް ވިދާޅުވިއެވެ.

އެހެން ވިޔަސް ބިލަށް ލިބިފައިވާ ޚިޔާލުތައް ދިރާސާކޮށް އެއަށް ރިއާޔަތް ކުރުމެއް ނެތި ވަގުތުން ބިލު ބޭރުކޮށްލުމުގެ ވިސްނުމަކީ ޒިންމާދާރު ކަން ކުޑަ އަމަލެއް ކަމަށް ސިރާޖް ވިދާޅުވިއެވެ.

"ބިލު އިސްލާހު ކުރުން ވެސް އެއީ އެންމެ ރަނގަޅު ގޮތަށް ވެދާނެ، ބިލު ބޭރުކޮށްލަން ވެސް ފެނިދާނެ، އެކަމަކު ޚިޔާލުތައް ދިރާސާކޮށްފައި ގޮތެއް ނިންމަން ވާނީ،" ގާނޫނީ ވަކީލު ކަން ވެސް ކުރައްވާ ސިރާޖް ވިދާޅުވިއެވެ.

ސިރާޖް ދެކެވަޑައިގަންނަވާ ގޮތުގައި އިސްލާމިކް މިނިސްޓްރީން ބިލަށް މިހާރު ފޮނުވާފައިވާ އިސްލާހަކީ އެންމެ ރަނގަޅު އެއް ގޮތެވެ. އެހެންކަމުން އެ އިސްލާހު އެ ގޮތަށް ބިލުގެ ފުރަތަމަ މާއްދާތަކަށް ގެނައުމުން ބިލު ފުރިހަމަ ވާނެ ކަމުގައި ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިރާޖް ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޖަމާވެ ތިއްބަވާ ގޮތަށް ބިލަށް ޚިޔާލު ހޯދަން އެދިވަޑައިގެންފައެވެ.

މި ކަމާ ގުޅިގެން ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، އެ ކަމުގެ ހުއްދައަށް މަޖިލީހުގެ އިދާރާގައި މިހާރު އެދިފައިވާނެ ކަމަށެވެ. އެ ހުއްދަ ދީފިނަމަ އެ ގޮތުގެ މަތިން ކޮމިޓީ ބާއްވައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބިލާ މެދު ގިނަ ބަޔަކު ނުރުހުން ފާޅު ކުރަމުންދާއިރު، އޭގެ ތެރޭގައި އެމްޑީޕީގެ މެންބަރުންގެ އިތުރުން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވެސް ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީގެ ފަތުވާ މަޖިލީހުން ވެސް ވިދާޅުވެފައިވަނީ ބިލުގެ ބައެއް މާއްދާތައް ހުރީ ދީނަށް ފުށު އަރާ ގޮތަށެވެ. ދީނީ އިލްމުވެރިންގެ ކަންބޮޑުވުން ވެސް އޮތީ އެ މާއްދާތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮވިޑް

    އެބަޔަކު ކެނޑި ކަޑުލެއްގެ ހިތި ފިލުވާނީ އެ ބަޔަކު.

  2. MDP

    ކޮބައިތޯ ނަފްރަތު އުފެއްދުމަކީ؟ ކޮބައިތޯ ހަރުކަށި ފިކުރަކީ؟ މިމީހުންނަށް އެބަ އިނގޭބާ މިމީހުންނަށް ކިޔޭ ނުކިޔޭ. އިސްލާމިކް މިނިސްޓްރީ އިން ކީއްވެބާ މުސްލިމަކު ދީނުން ބޭރުވެދާނެ ގޮތްތައް ކިޔާނުދެނީ؟ ދުނިޔޭގަ ތިބި މުސްލިމުން ފިޔަވާ ދެންތިބި އިންސާނުންނަކީ އިސްލާމްދީނާ ޙިލާފު ކާފަރުން ކަމަށް އެންމެން ގަބޫލް ކުރޭ. އެކަމަކު ދިވެހިރާއްޖޭގެ ބިމަށް އުފަން ދިވެއްސަކަށް ވެއްޖެއްޔާ ކޮންމެ ގޮތަކަށް އުޅުނަސް ރާބޮއެ ޒިނޭކުރަމުން ދުވަހަކު ނަމާދެއް ނުކޮށް ރޯދަ ނުހިފާ ﷲ ހަރާމް ކުރެއްވި ހުރިހާކަމެއް ކޮއްފަ އައުރަ ނިވާ ނުކޮން އުޅުނަސް އެމީހަކު ވާންޖެހޭނީ މުސްލިމަކަށް ކަމަށް ދިވެހިންނަށް އެނގިފައި ވަނީ، އެކަމް އެއީ ގޯހެއް. މުސްލިމުންގެ ފުރަތަމަ ގިބްލަ ހުރި
    މާއްވެގެންވާ ބިމުގަ އުޅޭ އަދި އެބިމަށް އުފަންވާ އިޒްރޭލު މީހުންނަކީ ކާފަރުން ކަމަށް އެންމެން ގަބޫލް ކުރޭ. ބަލަގަ ބިމަކަށް އުފަން ވެގެނެން ނޫނޭ މުސްލިމަކަށް ވަނީ، އަދިހަމަ މުސްލިމް މަންމަ އަކާއި ބައްޕަ އަކަށް ލިބޭ ހުރިހާ ދަރިންނަކީވެސް މުސްލިމުންނަށް ނުވާނެތީ އެއްނު އާދަމްގެފާނާއި ހައްވާގެފާނަށް ލިބުނުދަ ރިންގެ ތެ ރޭގައި މުސްލިމުންނާއި ކާފަ ރުން ތިބީ. ބިމަކަށް އުފަން ވެގެން މުސްލިމުން ނަށް ވާކަމުގަ ވަނީނަމަ ކީއްވެގެންބާ މާތްވެގެންވާ މައްކާގެ ކާފަ ރުންގެ ވާހަކަ ގު ރްއާންގަ ވަނީ؟ މައްސަލަޔަކީ ބިލެއް ނޫން، އަދި އިސްލާމް ދީނަކީ އެދީނަށް ވަނުމަށްފަހުގަ ދީނުން ބޭ ރުނުވެވޭގޮތައް ކަސްތޮޅު އެޅުވިފައިވާ ދީނެއްވެސް ނޫން. މައްސަލަޔަކީ ދިވެހިރާއްޖޭގަ ތިބި ތަންދޮރު ދަންނަ ޢިލްމް ވެރިން ކަމަށްބުނާ ބަޔަކު ތިބެގެން ދީނަށް ވަދެވޭނެ ގޮތާއި އިސްލާމްދީންމަތީގަ ހުރެވޭނެ ގޮތާއި އިސްލާމްދީނުން ބޭ ރުވާނެ ގޮތްތައް މިސާލަކަށް ކުފު ރާއި ޝިރްކު ކިޔާނުދީ ދިވެހިންނަށް ދީނަކީ ކޮބައިކަން އޮޅުވާލަމުންދީތީވެ. މައްޗަންގޯޅި ދާއި ރާއަށް ކު ރިމަތިލައިގެން ނުހޮވުނު ބާބުލްއަވާލީ އިއްބެ އަށްވެސް ނުކެ ރުނު ހަގީގަތް ކިޔާދޭކަށް، ހަމަކިޔަނީ ބިލު ނުރައްކަލޭ ބިލު ނުރައްކަލޭ، ބިލުގަ އޮތީ ރަނގަޅައް މުސްލިމަކާދިމާލަށް ކާފަރެކޭ ނުބުނެވޭނެ އެކަމް އިސްލާމްދީނުގަ ހުރެފަ ދީނުން ބޭރުވީމަ ވަނީ ކާފަރަކަށް ނޫން، އެއިރުން އެމީހަކު ވާނީ މުރުތައްދަކަށް، އޭގެފަހުގަ ފުރަތަމަ ބުނެދޭން ޖެހޭނީ މުރުތައްދުވީ ކޮންކަމެއް ކޮންގޮތަކަށް ކޮއްގެންކަން އަދި އެމީހަކަށް ތައުބާވެ އަލުން އިސްލާމް ދީނަށް ރުޖޫއަ ވުމަށް ނަސޭހަތްތެރި ވާންވެސް ޖެހޭނެ. ގުރްއާން އާއި ހަދީސް ތަކުގައި އެބަވޭ ވަރަށް ސާފުކޮން ބަޔާން ކޮއްފަ މުސްލިމަކު މުރުތައްދުވާނެ ގޮުތް. އެޔައްފަހުގަ އެއީ މުސްލިމަކަށް ނުވާނެ އަދި އެމީހަކު އެއީ ގައުމެއްގެ ވެރިއެއްގެ ގޮތުގަ ގުރިމީހަކުނަމަ އޭނާޔަށް ކުރެވުނު ކުއް އޭނާ އަމިއްލަޔަށް ރައްޔިތުންނަށް ކިޔާދިނުމަށްފަހުގައި އަދި އެކަމުގެ ރަނގަޅު ގޮތްކިޔާދިނުމަށްފަހުގަ ތައުބާ ވެއްޖެ ކަން އިއުލާން ނުކުރާހާހިނދަކު އެމީހަކު ބެލެވޭނީ މުރުތައްދު ވެފައިވާ މީހެއްގެ ގޮތުގަ. އަދި ރައްޔިތުން އެމީހާޔަށް ތައުބާ ވުމަށް ނަސޭހަތްތެރިވެސް ވާންޖެހޭނެ. އަދި އެމީހަކު އެއީ މުރުތައްދުވެފައިވާ މީހަކު ކަމަށް ބުނުމުން ނުވާނެ މުސްލިމަކާދިމާލަށް ކާފަރެކޭބުނުން ކަމުގަ.
    އެހެންވީމަ ތިޔަބިލު ތިޔައޮތީ ރަނގަޅަށް.

  3. ނާޅި

    ތިޔައެއްޗެއް އުފަން ކުރުނަށްވުރެން އުފަން ނުކޮށް ދޫކޮށްލައިފިއްޔާ ބޮލަށް މާފަސޭހަވާނެ އުޅެންވެސް ފަސޭހަ ތިޔަ އެއްޗެއް ފާސްވެއްޖެ ނަ މަށް އުޅެންވެސް އުދަގޫވާނެ !

  4. އަހުމަދު

    ބިލު ބޭރު ކުރަން ޖެހޭ

  5. ާއަހުމަދު

    ސުވާލު ވެވޭ ދުވަހު ޕާޓީ އަށް ނަސްރު ދިންތޯ ސުވާލެއް ނުކުރާނެ. އެކަމު ދީނަށް ނަސްރު ދޭނަމަ އެއިގެ ފައިދާ ކުރާނެ. ސިރާޖު އަށް ގަބޫލު ކުރަން ދަތިވިޔަސް މޑޕ އަކީ ރާއްޖޭގައި ދީނީ މިނިވަންކަން އޮތުމަށް މަސައްކަތް ކުރާ ބައެއް. ސިރާޖު ވެސް ތި ބިލާ ދެކޮޅަށް ވާހަކަ ދައްކަން ކެރުނީތީ ވަރަށް އުފާ ކުރަން. ތިބާ އަށް މާތް ﷲ ހެޔޮވިސްނުން ދެއްވައި އެޔާ އެއްގޮތަށް އަމަލު ކުރުމުގެ ހެޔޮ ތައުފީގު ދެއްވާށި...
    އާމީން

  6. ބިން ޢަލީ

    ﷲ ބާވާލެއްވި ޤާނޫނަށްވުރެ މޮޅެތި ޤާނޫނު ހެދޭނެކަމަށް ޤަބޫލުކުރެއްވުމަކީ މޮޔަކަމެއް ތިޔަބައިމީހުން މިއަދު ހަދާ ޤާނޫނުތައް މާދަމާ ތިޔަބައިމީހުންގެ އަތުން ބަދަލުކުރާނެ ﷲއީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތް ތިޔަބައިމީހުންގެ ވިސްނުމަކީ އުނި އެއްޗއް

  7. ސސ

    ގާނޫނެއްގައި ލިޔެވިފައި އޮތަސް ނެތަސް ދިވެހިރާއްޖޭގެ އިގްތިސާދީ ޢިޖްތިމާޢީ ސިޔާސީ ހާރިޖީ ސިޔާސަތަކީ އިސްލާމް ދީނުގެ އާންމު ހުކުމް ފުޅުތަށް އެޔަކަށް އެއްވެސް މީހަކަށް ބަދަލް ނުގެނެވޭނެ .