ރަހީނު ކުރުމަށްފަހު މަރާލާފައިވާ އުމުރުން 13 އަހަރުގެ ކުޑަކުއްޖާގެ ތަހުގީގު ބާރަށް ކުރިއަށްދާ ކަމަށާއި، ތަހުގީގައި މެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފޭސްގެ މޫދާ ދިމާލުންނެވެ. މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ކުޑަ ކުއްޖެއްގެ އިތުރުން 27 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ހައްޔަރުކުރި 27 އަހަރުގެ މީހާއަކީ މާރާމާރީއާ މަސްތުވާތަކެތީގެ ރިކޯޑް އޮންނަ ނ. ލަންދޫ، ބަގީޗާގެ އިބްރާހިމް ޒިހާންއެވެ. ދެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ. އެ މީހުންގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ތުހުމަތާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާއެވެ.

ޕީޖީ ޝަމީމް "ވަގުތު" އަށް ވިދާޅުވީ، އެއީ ނުރައްކާތެރި އަދި ބިރުވެރި ކަމެއް ކަމަށެވެ. ރަހީނުކުރި މައްސަލައާއި މަރުގެ މައްސަލައަކާއި ޖިންސީ ކުށުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންގެންދާ ކަމަށާއި، ޕީޖީ އޮފީހުންވެސް އެކަމުގައި ބައިވެރިވަމުން އަންނަ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އަދި މައްސަލައިގެ ތަހުގީގަށް ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، މައްސަލަ ކުރިއަށް ގެންދާނީ އެކަށީގެންވާ ވަގުތުދީގެން ކަމަށް ވިދާޅުވިއެވެ.

"ވަގުތު ނަގައިގެން، ހަމަޖެހިގެން، ރަނގަޅަށް ކުރާނީ" ޝަމީމް ވިދާޅުވިއެވެ.

އެކަމުގައި ހިމެނޭ މީހުންނަށް ދައުވާކުރަން ފޮނުވޭނެ ވަކި ދުވަހެއް ޝަމީމް ވިދާޅެއް ނުވެއެވެ.

ހައްޔަރުކުރި ދެ ދެމީހުންގެ އިތުރުން އެހެން ބަޔަކުވެސް މިކަމުގައި ޝާމިލްވާ ކަމުގެ ތުހުމަތުތަކެއް ކުރެވެއެވެ. ފުލުހުން ވަނީ މައްސަލައާ ގުޅިގެން ކާރުތަކެއް ބަލައި ފާސްކޮށްފައެވެ. އެކަމަކުގެ އެއްވެސް މައުލޫމާތެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.

މަރާލި ކުއްޖާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން މި ހަފްތާ ތެރޭގައި އިންޑިއާ އަށް ފޮނުވާލެވޭނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ކުއްޖާގެ މަރާއެކު އާއްމުންގެ ތެރޭގައި ބޮޑު ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. މިއީ މި ފަހުގެ ތާރީހެއްގައި މިހާ ޅަ އުމުރުގެ ކުއްޖަކު މަރާލީ ފުރަތަމަ ފަހަރެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިރެކްސް

    ތިހެން ބުނި އެމް ޑީ އެން ގެ ތަޙުގީގުގައިވެސް. އެހިސާބުން ނިންމާލީ

  2. ހަނދާންނެތެންދެން ހިފަހައްޓާލާ

    ނޯ ޖަސްޓިސް 🙁
    ހުރިހާމަރެއްގެ ތަހުގީގާ ގާތިލުންނަށް އަދަބުދިނުން ކުރިޔަށްދާ ގޮތަށްދޯ.
    ކުއްކުރިކަންފަޅާ އެރީމަ ލަސްނުކޮށް ހުކުމްކޮށް އަދަބު ތަންފީޒް ކޮއްބަލަ.
    2017 ވަނަ އަހަރު މަރާލި ނަދީމްގެ ކޭސްބަލާބަ މިސާލަކަށް.ދުވާލު އެންމެންތެރޭ އަދިވެސް ކުއް ސާބިތު ނުކޮށް ގާތިލުންގެ ފުރާނަ ސަލާމަތްކުރަން ފަންޑު ކޮއްދޭތީ ދިގުދަންމާވަރު.ހެކިން ހަންދާންނެތި ސީސީޓީވީ ފުޓެޖް ގެއްލި ކޭސްގެ ލިޔެކިޔުންގެއްލި ނެތިދާއިރުވެސް ދިގުދައްމަނީ.ވަގުތާ ލާރިއާ ވޭސްޓް ނުކޮށް އެއްވެސް ގަތުލެއްގެ ދައުވާ ކޯޓަކުން ބަލައިނުގަނެބަ.15 އަހަރުފަހުން ހުކުމް ކުރަންމަޑުކުރަންޏާ. އެހެންތާވާނީ ކުއްވެރިންގެ ހިއްފުރެންދެން ކުއްކޮއްލަން ފުރުސަތުދޭންޖެހޭނެތާ އޯގާތެރި ސަރުކާރުތަކުން.
    ސިޔާސީ މީހުންގެ ހުކުމް އެންމެ ފާސްޓްވާނީ މި ގައުމުގަ. އެހާ އަވަހަށް ޖަލަށްލާނެ، ބަލިވާނެ، ފުރުވާލާނެ، މިނިވަންކޮއްފާނެ.ރާސްޓަސްކޮށް ފުލް ސްޕޮޓްލައިޓްގަ.ބަޓް ގާތިލުންގެ ހައްގު ބޮޑުކަމުން ސިއްރުކޮށް ހުރިހާ މަރުހަލާއެއް ގެންގޮސް ނޫސްވެރިންގެ އަނގަ ބަންދުކޮށް މީހުން ހަނދާން ނައްތުވާލާފަ އެ ދޫކޮއްލަނީ. އަންޓިލް ނެކްސްޓް ޓައިމް.
    ރައްޔިތުން މިތިބީ މި ފަސް ގާތިލުންނަށްތިކުރާ ހުކުމް ބަލަން. ޒިހާން، 17ަ ގާތިލު، ކޮޓަރި ހިފި ގާތިލާއި ފޮށި އެއްލާލަން އަމަލީގޮތުން އުޅުނު އިތުރު 3މީހުން. މީ މިހާރު ސާބިތުވެފަ މަރަށް މަރު ހުއްދަވެފަ ތިބި މީހުން. 5އަހަރުގެ ތަހުގީގެއް ހިންގަންޏާ ހުއްޓާލާ މިހާރު. ކުއްވެރިން ހައްޔަރު ނުކޮށް ޖަލުތައް ތަޅާލާ. މީ ހުކުމްކުރާނެ ބައެއްނޫން ގާތިލުންނަކަށް. ތި ލާދީނީމީހާ މަރަން އެގޮއްވި ބޮމުން މަރުވިނަމަ އެ ރެއިން އެރެއަށް މަޖިލީހުން މަރަށްމަރު ހިފަން ބިލްފާސްކޮށް ގާތިލުން މަރަންފަސްނުޖެހޭނެ.މޑޕ ބޮޑެއްމަރައިގެން ނޫނީ މިމީހުން ގާތިލުންނަށް އަދަބެއްނުދޭނެ. ރައްޔިތުން އެދެނީ މި ރަހުމްކުޑަ ގާތިލުންނަށް މަރުގެ އަދަބު ދޭނެ ކޯޓެއް، ވަކީލެއް، ފަނޑިޔާރެއް، ޕޮލިހެއް، މުއައްސަސާއެއް. އެ ހެޔޮ ޕާރޓޭ އަކަސް، ހަރުކައްޓަކަސް، ކޮމްމެމީހަކަސް. ޙެޔޮއެދޭމީހުން އެ ފުރާނަފުޅަށް ހެޔޮދުއާ ކޮއްކޮއް ތިބެންވީ. އިންޝާﷲ މަހުޝަރުގަ އިންސާފުލިބެންދެން.