މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދަނީ ވަކީލުންނާ މަޝްވަރާކޮށްފައި ނޫން ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހުންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރާ މައްސަލަ އާއި އަދި މިހާރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތް މައްސަލަ ވެސް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމުގެ ކުރިން ނިންމަން ވަގުތު އެބައޮތް ކަމަށާއި، އެކަން ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޝަމީމް ރޭ ވިދާޅުވީ ޕީޕީއެމް އަދި ރާއްޖެ އިން ބޭރުގެ ފަރާތްތަކުން ވެސް ރިޔާސީ ކެންޑިޑޭޓް ވުމުން ވީހާވެސް އަވަހަކަށް ރައީސް ޔާމީންގެ މައްސަލަ ނިންމަން ބާރު އަޅުއްވަމުން ގެންދަވާ ކަމަށެވެ.

"އަވަހަށް މައްސަލަ ނިންމަން އަޅުގަނޑުމެން ވެސް އެދިފައި އޮންނާނީ. ނަމަވެސް އޭގެ މާނައެއް ނޫން 24 ގަޑިއިރު ޝަރީއަތް ކުރާށެކޭ. ދިފާއީ ވަކީލުން ވެސް އެއްބަސްވެގެން ޝަރީއަތްތައް ކުރިއަށް ގެންދަން ތާވަލް ކުރަނީ. އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދަނީ އަޅުގަނޑުމެން ފަރާތުން ޝަރީއަތް ލަސްވިޔަ ނުދިނުމަށް." ޝަމީމް ވިދާޅުވިއެވެ.

ނަމަވެސް ޝަމީމްގެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޔާމީންގެ ވަކީލު ޝިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓުން ފުއްގިރި މައްސަލަ ޖުލައި ފުރަތަމަ ހަފްތާ އާ ދެވަނަ ހަފްތާއަށް ހަފްތާއަކު 3 ދުވަހު އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފައިވަނީ ވަކީލުންނާ މަޝްވަރާ ކޮށްފައި ނޫން ކަމަށެވެ.

ޕީޕީއެމް އިން ތުހުމަތު ކުރާ ގޮތުގައި ކްރިމިނަލް ކޯޓުން މަސައްކަތް ކުރަމުން ގެންދަނީ ހައިކޯޓުން ޔާމީން މިނިވަން ވެއްޖެނަމަ އަނެއްކާވެސް ކްރިމިނަލް ކޯޓުން ޖަލު ހުކުމެއްކޮށް ޔާމީންގެ އިންތިހާބީ ހައްގު ގެއްލުވާލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިޔާލު

    މިއީ އިސްލާހުކޮށްފަ އޮތް ޖުޑީޗަރީ އިން ޕޮލިޓިކަލް ޕްރިޒަނަރއަކަށް ޔާމީން ހެދުމަށް އަދި އެގޮތުގައި ހައްގުތައް ގެއްލުވާލުމަށް ކުރާ މަސައްކަތް.

  2. ޣާޞީ

    ކޯޓުތަކުގައި ހިންގާ ޝަރީއަތްތައް ވަކީލުން ރުހޭގޮތަކައް ހިންގަނީ ކޮންގަވްމެއްގަތޯ ވަކީލު މަސައްކަތާ ހަވާލުވަނީ ކުއވެރިޔާ ހިމާޔަތްކުރަން އޭނާދޭ އުޖޫރަޔަކާއެކު ދެންވަކީލު ބުނިހާގޮތަކައް ޝަރީއަތް ހިންގީމާ އެޔައް އިސާފޭ ނުބުނެވޭނެ ނުންތޯ

    3
    1