ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގާފައިވާ ޚިޔާނާތުގެ ތަހުގީގު ފުރިހަމަ ކުރަން ދެވަނަ ފަހަރަށް އެންގިތާ ފަސް މަހަށް ވުރެ ގިނަ ދުވަސްވީ އިރު އެ މައްސަލަ މިހާރު ވަރަށް ބަރަށް ކުރިއަށްދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށް، އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ވެސް ދިނެވެ. އެކަމަކު މިހާތަނަށް ރާއްޖެ އައީ އެންމެ 15 ވެންޓިލޭޓަރެވެ. މި މުއާމަލާތުގެ ތެރެއިން ހެލްތު މިނިސްޓްރީގައި ޚިޔާނާތުގެ މުއާމަލާތްތަކެއް ހިންގާފައިވާ ކަން އޮޑިޓަ ޖެނެރަލް އާންމު ކުރި އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ވަނީ ފެންމަތިވެފައެވެ.

މި މައްސަލަ ފުރަތަމަ ތަހުގީގުކޮށް އޭރުގެ ހެލްތު މިނިސްޓަރު އަމީން އަބްދުﷲ އާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު ހިމެނޭ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ. އެކަމަކު އެ އޮފީހުން ވަނީ ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ މައްސަލަ އަލުން އަނބުރާ ފޮނުވާލައިފައެވެ.

އެހެންވިޔަސް އޭރު އޭސީސީން ވިދާޅުވަމުން ގެންދެވީ މައްސަލަ ފޮނުވީ ދައުވާ ކުރެވޭ ވަރަށް ހެކި ކުރި ކަން ޔަގީން ކުރުމަށް ފަހު ކަމަށެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ޕީޖީ އޮފީހުން އެ އޮފީހުގެ ނިންމުން ރިވިއު ކުރަން ނިންމިއެވެ. އެކަމަކު އެ ދެ ފަހަރު ވެސް ޕީޖީން ނިންމީ ދައުވާ ނުކުރުމަށެވެ. އަދި ތަހުގީގު ފުރިހަމަ ކުރަން އޭސީސީއަށް އެންގިއެވެ.

އޭސީސީގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ތަހުގީގު ފުރިހަމަ ކުރަން އިތުރު ހެކި ހޯދަން ޕީޖީ އޮފީހުން އެންގުމުން އެ ކޮމިޝަނުން އަދިވެސް ގެންދަނީ އެ މަސައްކަތް ހިންގަމުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުން، އެންމެ ފުރަތަމަ ތަހުގީގު ފުރިހަމަ ކުރުމުގައި ކޮމިޝަނަށް ގޮންޖެހުންތަކެއް ވެސް ކުރިމަތިވިއެވެ. މި ގޮތުން މި ފަހަކުން ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުމުން އެކި ގޮންޖެހުންތައް ކުރިމަތިވިކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މައްސަލަ ދަނީ ވަރަށް ބާރަށް ކުރިއަށް، ވަރަށް އަވަހަށް ތަހުގީގު ފުރިހަމަކޮށް އަނެއްކާ ވެސް މައްސަލަ ދައުވާ ކުރުމުގެ މަރުހަލާއަށް ފޮނުވޭނެ، އަދި ވަކި ތާރީޚެއް ދޭން ދަތި،" އޮފިޝަލް ވިދާޅުވިއެވެ.

މި ޚިޔާނާތުގެ މައްސަލައާ ގުޅިގެން އޭރުގެ މިނިސްޓަރު އަމީން ވަކިކުރުމުގެ މަސައްކަތް މަޖިލިހުން ފަށާފައި ވަނިކޮށް މިނިސްޓަރުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވިއެވެ. އަދި މިނިސްޓްރީގެ ނައިބުންގެ ގޮތުގައި ތިއްބެވި ޝިޔާމާ މުހައްމަދު ނިޝާމާ މުހައްމަދު ވަނީ މަގާމުން ވަކިކޮށްފައެވެ.

މި ޚިޔާނާތުގެ ތަހުގީގު ލަސްވަމުންދާތީއާއި، ދައުވާ ނުއުފުލަން ޕީޖީ އޮފީހުން ކޮންމެ ފަހަރަކު ވެސް ނިންމާތީ އާންމުންގެ ގިނަ ފާޑުކިއުންތަކެއް ވެސް ދައުލަތުގެ މުއައްސަސާތަކަށާއި ސަރުކާރަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކާފަބޭ2020

    ތިޔައީ ކުޅޭކުޅިވަރެއް! ތިޔަހެންދެކޮޅަށްދަމާލަދަމާލާ ބާކީއޮތް ދުވަސްކޮޅުދުއްވާލާ! ކިތަންމެވަރެއްކުރިއަސްތިޔަފޮނުވާ ލިޔެކިޔުންތަކުގައި އުންސުރާފަންސުރާދިމާނުވާނެ! އެއީ މިއީޒީރޯޒީރޯޒީރޯޓޮލަރެންސްސަރުކާރެއް! އޭސީސީން ވަކްތުން ވަކްތައް ސަރުކާރުބަދުނާމުކުރަން ތިއަނބުރާގޭސްގަނޑުހުއްޓާލާ!

  2. ހޮނޑާފުށީ ބޮޑުހުސޭނު

    ދުބާއި ފުލުންނާ ނުލައި ތިޔަ ތަހު ގީގގ ގު ފުރިހަމައެ އްނުވާނެ . އެބުނާ އިންޑިޔާ މީހާ ގެ އެކައުންޓް ދުބާއީ ފުލުންނާއި ގުޅި ގެން ފުޜީޒް ނުކުރާހާ ދުވަހަކު ތިޔައީ ހަމަ ދައްކާ ދަޅައެއް

  3. ހުސޭނުބޭ

    މާވެލް އިން ވެންޓިލޭޓަރު ވައްކަމަށް ފިލްމެއް ހެދިއްޔާ ވަރަށް ސަޅިވާނެ

  4. އުސްމާނުބެ

    ބާރު ކަމުންގޮސް މައިތިރި ނުވެވިގެން ބޮޑުކަމުދާ ވަރު ނުވިއްޔާ ރަގަޅު.....