ކ. ދޫނިދޫ ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ %85 މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ މި މަޝްރޫއުގެ ދަށުން 4.61 އޭކަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3.75 އޭކަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 370 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 620 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށެވެ.

އަދި 250 މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއަށް 51.4 މިލިއަން ރުފިޔާ ހޭދަވާނެއެވެ.