އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަހުގީގު އިދާރާތަކުން ގުޅިގެން ހިންގާ އިރު، އެ ތަހުގީގު މަޑުޖެހިފައިވާ މި ދަނޑިވަޅުގައި އޭގެ ބެނެލެނިވެރި ފަރާތް ވެސް މިހާރު ސާފު ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

އޮޑިޓް ރިޕޯޓްތަކުގެ މައްސަލައެއްގެ ބަހުސްގައި ވިސާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގުގެ އިތުރުން ޚިޔާނާތުގެ ގިނަ މައްސަލަތަކުގެ ތަހުގީގު އޮތީ މަޑުޖެހިފައި ކަމަށެވެ. ޒިންމާ އަދާ ނުކުރެވޭނަމަ މަގާމުގައި ދެމި ހުންނެވުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން، ކުރީގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ބަލައި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަން އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނެއް އެކުލަވާލިއެވެ.

އޭގެ ފަހުން މައްސަލަ ތަހުގީގު ކުރަނީ މި ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަން ކޮމިޓީއަކުންނެވެ.

އެކަމަކު ޚިޔާނާތުގެ ދައުވާ އުފުލަން އޭސީސީން ނިންމައިގެން ޕީޖީ އޮފީހަށް މައްސަލައެއް ފޮނުވިތާ ގާތްގަނޑަކަށް މަސް ދުވަސް ވަނީއެވެ. އެ މައްސަލައަކީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ދައުވާ ކުރަން ފޮނުވި މައްސަލައެވެ. މި މައްސަލާގައި ދައުވާ ކުރަން އަދި ގޮތެއް ނުނިންމައެވެ.

ވިސާމް ވިދާޅުވީ ހަތަރު އިދާރާއެއް ގުޅިގެން ތަހުގީގު ކުރަމުންދާއިރު ކޮންމެ އިދާރާއަކުން ވެސް ފެންނަނީ އަނެއް އިދާރާގެ މައްޗަށް އިނގިލި ދިއްކޮށްގެން ވާހަކަ ދައްކާ މަންޒަރު ކަމަށެވެ.

"މައްސަލަތައް މަޑުޖެހިފަ އޮތީ، އެއް އިދާރާއިން އަނެއް އިދާރާއާ ހެދިއޭ މަޑުޖެހެނީއޭ ކިޔަ ކިޔާ ތިބެނީ، މި ތަހުގީގު ވެސް ލީޑް ކުރާ ފަރާތެއް ކަނޑައަޅައިގެން މި ކަން މިހާރު ސާފުކޮށްދޭން އެބަ ޖެހޭ،" ވެރިކަން ކުރާ އެމްޑީޕީގެ މެންބަރު ވިސާމް ވިދާޅުވިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވެސް އިންނަވާ ކުރީގެ ނޫސްވެރިޔާ ވިސާމް ވިދާޅުވީ، ޒިންމާ ނުނެގޭނަމަ އޭސީސީގެ މެންބަރުންނާއި ރިޔާސީ ކޮމިޝަންގެ މެންބަރުން ވެސް އިސްތިއުފާ ދިނުން މާ ރަނގަޅު ވާނެ ކަމަށެވެ.

ތަކުރާރުކޮށް މި ކޮމިޝަންގެ މެންބަރުންގެ އިސްތިއުފާއަށް ވިސާމް މިއަދު ގޮވާލެއްވިއެވެ.

މި މައްސާލަގައި ހުކުމަކާ ހަމައަށް އައިސްފައި ވަނީ ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އެކަންޏެވެ. މި ތިން ބޭފުޅުން ވެސް މި ވަގުތު ތިއްބެވީ ގޭބަންދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޫޓުވާ

    ކަލޯ ތިހެންތިވަނީ ކަންކަމަށް ކުފޫ ހަމަނުވާތީ އަދި ޤާނޫނުތަކަށް އިޙްތިރާމްނުކުރާތީއާއި މަޤާމް ހޯދަދިން ގާތްމީހުންނަށް ބޮޑެތި މަޤާމް ދޭންޖެހުނީމަ. އެއްކަމެއްކުރާ އެތައް ކޮމިޝަންތައް އެބަހުރި. ތަހުޤީޤުރަން ޕލޮިހުން ތިބޭއިތު އޭގެމަތިން ފާޑުފާޑުގެ ތަހުޤީޤީ ކޮމިޝަން ހަދައިއޮޅުން ބޮޅުންކުރީމަ ވާނެހައެތިވެފަތިއޮތީ. ޕާޓީ ކުއްޖަކާޖެހުނީމަ އަދިކިރިޔާ ގެޓްތިވީ

  2. ކާފަބޭ2020

    ކޮމިޝަންހެދީ މުސާރަދެނީޑޮލަރުންކަމެއްރުފިޔާއިންކަމެއް ދޭވަރެއްބަޔާންކުރަންބޭނުންނުވާބޮޑުމުސާރަ ޕާޓީކުދިންނަށްދޭން! ކޮމިޝަނުންކޮންނަމުންދަނިކޮށް " ގުންޑޮޅިވެއްޓިފޮށާގަނޑަށް " ފައިންއެރޭތީ މަޑުޖެހެނީ! ގެޓުވީކަމަށްހީކުރަން ބްރޯ!

  3. ބޭޗާރާ

    ޚިޔާނާތުގެ ތަޙްގީގުގެ ބެލެނިވެރި ފަރާތަކީ އަދި އެކަންކުރަންޖެހޭ ފަރާތަކީ ޤާނޫނުއަސާސީގައި އޮތްގޮތަށް އެންޓި-ކޮރަޕްޝަން ކޮމިޝަން. އެ ކޮމިޝަނާ އެކަން ނުބައްސައި އިތުރު ތަންތަން ހަދައިގެން ބަލައިގެން ކަމެއް ނުވާނެކަން ސާފުވެ ނިމިފައި ތިއޮތީ. ގާނޫނުއަސާސީ ނޭގޭ މަރުމޯލުން ތަންތަނަށް ވަނީމާ ދައްކާނީ ތިކަލަ ކަޑުކޮސް ވާހަކަ.