ބަންގްލަދޭޝްގެ ފެކްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުالله ޝާހިދު އެގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ ރުޕްގަންޖް އަވަށުގައި ހުންނަ ކާބޯތަކެތި ތައްޔާރުކުރާ ފެކްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގައި މަސައްކަތް ކުރަމުން އަންނަ 50 އަށްވުރެ ގިނަ މަސައްކަތްތެރިން ވަނީ މަރުވެފައެވެ.

މި ހާދިސާ އާއި ގުޅިގެން މިނިސްޓަރ ޝާހިދު ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ.އޭ.ކޭ.އަބްދުލް މޯމިން އަށް ފޮނުއްވެވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައި ވަނީ، މި ހާދިސާގެ ހަބަރާއެކު ސިހުން ލިބުނު ކަމަށެވެ.

"ރުޕްގަންޖް އަވަށުގައި ހުންނަ ކާބޯތަކެތި ތައްޔާރުކުރާ ފެކްޓްރީއެއްގައި ރޯވެ 50 އަށްވުރެ ގިނަ މަސައްކަތްތެރިން މަރުވި ހަބަރު އެހީ ސިހުމާ ފުން ހިތާމައާއެކު." މިނިސްޓަރ ޝާހިދު ވިދާޅުވެފައި ވެއެވެ.

އެ މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ލިބުނު ފުން ހިތާމައާއި، ހާދިސާގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބުނު ފަރާތްތަކާއެކު ދިވެހިން ތިބިކަމަށާއި ހިތާމައިގައި ބައިވެރިވާ ކަމަށެވެ.

ލިބުނު ގެއްލުންތަކުން އަވަހަށް އަރައިގަނެވޭނެ ކަމަށާއި އަދި އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.