ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގި އިންކުއަރީގެ މައްޗަށް އެކުލަވާލައި އާންމުކޮށްފައިވާ ރިޕޯޓް އިދާރާތަކުން ދިރާސާ ކުރަން ފަށާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގެ ހާދިސާއާއި އެމަނިކުފާނުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގި އިންކުއަރީގެ ރިޕޯޓް އާންމު ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން އެ ރިޕޯޓް ފާސް ކުރީ އެ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާގައި ކޮންމެ މެންބަރަކަށް ވެސް ވާހަކަ ދައްކަވަން ފުރުސަތު ދެއްވުމަށް އެ ދުވަހުގެ ރޭ ފަތިހު 4:00 ޖަހަން ދެން ޖަލްސާ ކުރިއަށް ގެންދިޔައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މަޖިލީހުގެ އިންކުއަރީ ރިޕޯޓް ރަސްމީކޮށް ރައީސަށް މިހާތަނަށް ދީފައި ނުވާ ކަމަށެވެ. ނަމަވެސް މަޖިލިހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ރިޕޯޓްގައި ހިމެނޭ ކަންކަން އިދާރާތަކުން ދިރާސާކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރިޕޯޓް ފާސްކުރީ ހުކުރު ދުވަހުގެ ފަތިހަށް ވެފައި ވަނިކޮށް ކަމުން، މަޖިލީހުގެ ރިޕޯޓް ރައީސަށް ހުށަހެޅުން ލަސްވެފައި ނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މި ރިޕޯޓްގައި ދައުލަތުގެ ބާރުތަކަށް 45 ހުށަހެޅުމެއް ހިމަނާފައިވެއެވެ.

މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ތިން ބާރުގެ ވެރިން ކަމުގައިވާ، ރައީސް އިބްރާޙީމް މުހައްމަދު ސޯލިހްއާއި ރައީސް މުހައްމަދު ނަޝީދުއާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންއަށް ޚިއްސާ ކުރާނެއެވެ.

މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ރިޕޯޓަކީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބެލެވޭ މައުލޫމާތުތައް އުނިކުރުމަށް ފަހު އާންމުކޮށްފައިވާ ރިޕޯޓެކެވެ. ނަމަވެސް އުނިކުރި މައުލޫމާތު ހިމެނޭ ރިޕޯޓްގެ ކޮޕީއެއް ވަނީ ފަހުން މީސް މީޑިއާއަށް ލީކުވެފައެވެ.

މި ރިޕޯޓްގައި ނަޝީދަށް ސެކުއިރިޓީ ދިނުމުގައި ދިމާވެފައިވާ މައްސަލަތަކާއި އިހުމާލުތައް ފާހަގަކޮށްފައިވެއެވެ. މި ގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ލިބުނު މައުލޫމާތު އެއްވެސް ފަރާތަކާ ޚިއްސާ ނުކުރުން ބަލައިނުގަނެވޭނެ ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ނަޝީދަށް ދިން ހަމަލާއަށް ފަހު އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައެއް އާންމުންގެ ފާޑުކިއުންތައް ވެސް މާރިޔާއަށް އަމާޒުވިއެވެ.