މުލިއާގެ ކައިރިއަށް ގޮސް، އެ ތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާގެ ބަންދަށް ހަފްތާއެއްގެ މުއްދަތު ދީފިއެވެ.

މުލިއާގޭ ކައިރިއަށް ދިޔަ ދެ މީހަކު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިނުމުން އެމީހުން ހައްޔަރު ކޮށްފައިވެއެވެ. ނަމަވެސް އެ ދެ މީހުންގެ ތެރެއިން އެކަކު ވަނީ ފަހުން ދޫކޮށްލައިފައެވެ.

ހައްޔަރުކޮށްފައި ވަނީ ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މީހާއެވެ.

މި ހާދިސާ ހިނގާފައި ވަނީ މެއި ހަ ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން މުލިއާގެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައި ވަނިކޮށެވެ.

މުލިއާގޭ ސަލާމަތީ ކަންކަން ބަލަހައްޓަނީ އެމްއެންޑީއެފް އިންނެވެ. އެ ތަނުގެ ބޭރުގައި އާއި އެތެރޭގައި ވެސް ސިފައިން ހަރަކާތްތެރިވަމުންދެއެވެ.

ނަޝީދު އަވަހާރަކޮށްލަން ނިރުބަވެރި ހަމަލާއެއް ދިން ފަހުން، މަޖިލިސް އިދާރާ ގޮއްވާލާނެ ކަމަށް ބުނެ މީޑިއާގައި ކޮމެންޓްކުރި މީހަކު ވެސް ހައްޔަރުކޮށްފައި ވާއިރު ސަލާމަތީ ގޮތުން އިތުރު ފިޔަވަޅުތައް ވެސް ވަނީ އަޅައިފައެވެ. އަދި ދާދި ފަހުން އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން ދިވެއްސަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ނިރުބަވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ މީސް މީޑއާ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އިންޒާރުތައް ދޭ މީހުންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.