ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދޭ ދީނީ މެދުމިނުގެ ސިޔާސަތަށް އިދިކޮޅުގެ ތާއީދު ނެތް ކަމަށް އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު އެމްޑީޕީ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި އެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އިިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތަކަށް ތާއީދު ކުރާ ބޭފުޅެއް ނަމަ އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްގެ އެހީއަށް އެދޭނެ ކަމަށް ވިދާޅުވިއެވެ.

އިސްލާމްދީނާއި ގުޅިގެން ނަޝީދު ދައްކަވާފައިވާ ވާހަކަތަކަށް އިދިކޮޅު ކޯލިޝަންގެ ގިނަ ދީނީ އިލްމުވެރިންގެ ފާޑުކިޔުން އަބަދުވެސް އަމާޒުވެއެވެ. އަދި އެމަނިކުފާނު އުޅުއްވަނީ ރާއްޖޭގައި "ލާދިނިއްޔަތު ފިކުރު" ދިރުވަން ކަމަށް އެ އިލްމުވެރިން ތުހުމަތުކުރެއެވެ.

މިކަމަށް ރައީސް ނަޝީދު އިންކާރުކޮށްފައި ވީނަމަވެސް ބޭރުގެ އެކި ޕްލެޓްފޯމްތަކުގައި ނަޝީދު ވަނީ ރާއްޖޭގައި ދީނީ މިނިވަންކަން އޮންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު އެދޭ ދީނީ ސިޔާސަތެއް ޕީޕީއެމްގައި އޮތް ކަމަށް އެމަނިކުފާނު ވިދާޅުވުމުން ގިނަ އާންމުން އަންނަނީ މީސްމީޑިޔާގައި ސުވާލު އުފައްދަވަމުންނެވެ.

އެގޮތުން މި ވާހަކަތަކާއި ގުޅިގެން "ވަގުތު" އާއި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ފިކުރު ބިނާވެފައިވަނީ އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށް ކަމަށެވެ. އަދި ޕީޕީއެމްއަކީ ލާދިނިއްޔަތަށް ނުވަތަ ހަރުކަށިކަމަށް ހިއްވަރުދޭ ބައެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ޕީޕީއެމްއަކީ އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ޕާޓީއެއް. އަޅުގަނޑުމެން ގަބޫލުކުރަނީ ގާނޫނުއަސާސީގައި ލިޔެވިފައިވާ ފަދައިން ރާއްޖެ އޮންނަން ޖެހޭނީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ކަމަށް. ދީނީ އެއްބައިވަންތަކަން ދަމަހައްޓަން ކުރަން ޖެހޭ ހުރިހާ މަސައްކަތްކަތެއް ޕީޕީއެމްއިން ކުރަމުން ދާނަން. ރައީސް ޔާމީން އަބަދުވެސް އިސްކުރައްވާނީ ދީނާއި ގައުމު" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ފިކުރާއި ފަލްސަފާއާއި ދިމާ އިދިކޮޅު ލީޑަރަކަށް އެ ޕާޓީއާއި އެކު މަސައްކަތް ކުރުުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި ރައީސް ނަޝީދު ދައްކަވާ ވާހަކަތަކަކީ އެމަނިކުފާނު އެދޭ މަޤްސަދުތަކެއް ފުރިހަމަ ކުރުމަށްޓަކައި ދައްކާ ވާހަކަތަކެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަޑުތައް ފެތުރިފައިވާ ގޮތުން ރައީސް ނަޝީދު އިސްވެ އިދިކޮޅު ކޯލިޝަނަށް ވަނީ ޑީލްއެއް ހުށަހަޅާފައެވެ. އެ ޑީލްގައި ވަނީ ބަރުލަމާނީ ނިޒާމަކަށް ދިއުމަށް އިދިކޮޅުގެ ތާޢީދު ލިބެއްޖެނަމަ ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ މައި މަގްސަދަކީ ރައީސް ޔާމީން މިނިވަންކޮށް 2023ގެ ރިޔާސީ ރޭހުގައި ވާދަކުރުމުގެ ފުރުސަތު ހޯދާދިނުން ކަމަށް ވާއިރު މި ޑީލްގެ ދަށުން އެމަނިކުފާނު މިނިވަން ކުރަން އިދިކޮޅުގެ ބައެއް މެމްބަރުން ބޭނުންވި ނަމަވެސް ޑީލްއެއްގެ ދަށުން އެމަނިކުފާނު މިނިވަންކުރަން އިދިކޮޅުގެ ގިނަ މެމްބަރުން ބޭނުން ނުވެއެވެ. އެއީ ދަށުކޯޓުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު 2 ދައުވާއެއްގެ މައްސަލަ ކުރިއަށް ދާތީ ކަމަށްވެއެވެ.

މީގެ ދެހަފްތާ ކުރިން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ނަޝީދު ވަނީ ނިޒާމު ބަދަލުކުރާނީ ޕީޕީއެމާ ގުޅިގެން ކަމަށް ވިދާޅުވެފައެވެ. އަދި ޔާމީން ވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ކަމަށާއި، ޕީޕީއެމަކީ ބަރުލަމާނީ ނިޒާމާ ބީރަށްޓެހި ޕާޓީއެއް ނޫން ކަމަށް ވިދާޅުވެފައެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. މި ހުކުމް ވަނީ ހައި ކޯޓުގައި ވެސް ދަމަހައްޓައިފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަހުމަދު

  ސާބަސް އަދުރޭ..

  15
 2. އަހުމަދު

  ސާބަސް އަދުރޭ.. ތިހެން. .ވާންޖެހޭނެ

  16
 3. ސސ

  ސިޔާސީ މީހުންނޭ މިކިޔާ މީހުންނަކީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން !

 4. ޒަބީބު

  މީ އަޅެފަހެ ކިހާ ބޮޑި އަޖާއިބެއް! ދިވެހިރާއްޖޭގެ ޝަރުއީ ކޯޓަކުން ކުށް ސާބިތުވެ ހުކުމް ކޮށްފައިވާ މީހަކު ކެނެރީގޭ ނަޝީދަށް މިނިވަން ކޮށްދެވޭނީ ކިހިނެތް؟ ވީމާ މިކަމުން ދޭހަވަނީ ކެނެރީގޭ ނަޝީދަކީ ދިވެހިރާއްޖޭގައި ހެދިފައި ހުރި އެއްވެސް ޤާނޫނަކަށް ޤަވާއިދަކަށް ބޯލަމބާ މީހެއް ނޫންކަން. ޖޭއެސްސީގައި ގޮނޑީގައި ވެޑުވިގެން އިނދެ، އަނެއް ގޮނޑީގައި އެކުވެރި ހިސާނު ހުސޭނު ވަޑުވާ ބައިންދައިގެން ފަނޑިޔާރުގެ މުށުތެރެއަށް ލައިގެން ހުރެ ނަޝީދުގެ ސިޔާސީ ބޭނުމަށް ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫންތަކާއި ދިވެހި ދައުލްތް މުއްފަތުން މާރުކޮށް ޑީލްހަދަމުން މިދަނީ އެއްވެސް ލަދެއް ހަޔާތެއް ނެތި. މީނާގެ މި އިސްލާމްދީނާއި އަދާވާތްތެރި ނާތަހުޒީބު ޚުދުމުޚުތާރު ހައްދުފަހަނައަޅައިފައިވާ ޢަމަލާއި ދެކޮޅަށް ރައްޔިތުން ފިސާރީ ސާބިތުކަންމަތީގައި ތެދުވަންޖެހޭ. މިކަމަކީ ދޫކޮށްލައިގެން ވާވަރު ކަމެއް ނޫން.

 5. ައައުފް

  ތިޔައީ ހަތްޕްނޑުން.ތިޔަ ކިޔާ އެއްޗެއްގެ އެއްވެ ސް ބުރަދަނެއް ނެތް.ޔާމީން އަރާނެ އަންނި ފަހަތައް...

 6. އަރާކުރި

  ވެރިކަމުގެ ދަހިވެތިކަމުގައި ކޮށްފަނުކުރާނެ ކަމެއް ކުރިއަކުން ނޭގޭނެ... އަކަމަކު މިހާތަނަށް ހިނގާފަހުރި ކަންތައްތަކަށް ބަލާލުން މުހިއްމު.... ކޯލިސަނޭ ކޯލިސަނޭ ކޯލިސަނަށް ވޯޓް ދޭށޭ ވޯޓޭ ކިޔާ ގޮވެލިފަތި